ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ އިންވެސްޓިގޭޓަރަކާއެކު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ލޯންޗަކަށް އަރުވާފައި ހުއްޓަ އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ ދަށުން ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފުލުހުންނާ އެކީގައި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށްވެސް އެންއައިސީން ވަނީ ބުނެފަ އެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ތަހުގީގު ކުރުމުގައި އިސް އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީން ކަމަށާއި ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަހުގީގަށް އެހީތެރިވެ ދިނުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.
އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމުން އާއިލާއިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ޕޯސްޓްމޯޓަމް ހަދައިފި ނަމަ އަބްދުﷲގެ ހަށިގަނޑާއި ހަވާލު ނުވާނެ ކަމަށްވެސް އާއިލާއިން ބުންޏެވެ.
ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށާއި އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް އަބްދުﷲގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން އޮކްޓޫބަރު 30 ވަނަ ދުވަހު ނިންމީ އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަބްދުﷲގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އަބްދުﷲ ލޯންޗަށް އަރުވާފައި ހުއްޓާ މެޔަށް ތަދުވެގެން އެވާހަކަ ފުލުހުން ކައިރީ ބުނި ކަމަށެވެ. ނަމަވެސް ފުލުހުން އެއީ "ޑްރާމާއޭ" ބުނެ ފަރުވާ ދިނުން ލަސްކުރީ ކަމަށެވެ.
އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.
އަބްދުﷲ ރަޝީދު މަރުވި ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.