މޯލްޑިވްސް ޕޮލިސް ސާވިސް

ދިގުރަށުން ފެނުނު ކުއްޖާގެ ހަށިގަނޑާ މެދު ގޮތެއް ނިންމަން އާއިލާއާ މަޝްވަރާކުރަނީ

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖެއް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:20 ހާއިރު އެވެ.

އެ ތުއްތު ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ ސްރީލަންކާގެ އުމުރުން 30 އަހަރުގެ މީހަކު ހައްޔަރުކުރީ އެ ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ލަންކާއަށް ފުރަން ގޮސް ހުއްޓަ އެވެ.

މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ޕޯސްޓްމޯޓަމް އަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.