މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް އާ ގުޅޭ ގޮތުން މިހާތަނަށް ލިބުނީ ރިޕޯޓްގެ ސެޓްފިކެޓް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އަބްދުﷲ ރަޝީދު މަރުވީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އަވަސް އަށް މައުލޫމާތު ދެމުން އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲގެ ޕޯސްޓްމޯޓަމްގެ މިހާތަނަށް ލިބިފައިވަނީ ރިޕޯޓްގެ ސެޓްފިކެޓްތައް އެކަނި ކަމަށާއި ޕޯސްޓްމޯޓަމްގެ ތަފުސީލު އަދި ނުލިބޭ ކަމަށެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ޕޯސްޓްމޯޓަމަށް އަބްދުﷲގެ ހަށިގަނޑު ފޮނުވިއިރު ވެސް އޭނާގެ އާއިލާއިން ވަނީ އެކަން ކުރަން ދެކޮޅު ހަދާފަ އެވެ.
އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށާއި ހަށިގަނޑު އާއިލާއާ ހަވާލުކުރުމަސް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އަބްދުﷲގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން އޮކްޓޫބަރު 30 ވަނަ ދުވަހު ނިންމީ އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށެވެ.
ޕޯސްޓްމޯޓަމްގެ ނަތީޖާ އާއިލާއާއި ހިއްސާ ނުކުރާތީ ވެސް އަބްދުﷲގެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
މިކަމާއި ގުޅިގެން އެންއައިސީއިން ބުނެފައިވަނީ އަބްދުﷲގެ މަރުގެ އިނީޝިއަލް ތަހުގީގުތައް ކުރިއަށްދާތީ ޕޯސްޓްމޯޓަމްގެ ތަފްސީލެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ.