އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާތީ ޕޯސްޓްމޯޓަމްގެ ނަތީޖާ ހިއްސާ ކުރެވެން ނެތް ކަމުގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
ޕޯސްޓްމޯޓަމަށް ހަށިގަނޑު ފޮނުވިއިރު ވެސް އޭނާގެ އާއިލާއިން ވަނީ އެކަން ކުރަން ދެކޮޅު ހަދާފަ އެވެ.
ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށާއި އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް އަބްދުﷲގެ އާއިލާއިން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން އޮކްޓޫބަރު 30 ވަނަ ދުވަހު ނިންމީ އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަބްދުﷲގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދިތާ ދެ ހަފުތާ ވެގެން ދިޔައިރު ނަތީޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަަށް ބުނެ އަބްދުﷲގެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ޕޯސްޓްމޯޓަމް ހެދީ ވެސް އަޅުގަނޑުމެންގެ ނުރުހުމުގައި. މިހާރު ދެ ހަފްތާ ވެގެން ދިޔައިރު ކަމާ ބެހޭ އެއްވެސް ފަރާތަކުން އަޕްޑޭޓެއް ނުލިބޭ،" އަބްދުﷲ ރަޝީދުގެ އާއިލާގެ ބޭފުޅަކު އަވަސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން އެންއައިސީގެ އޮފިސަރަކު އަވަސް އަށް ވިދާޅުވީ އަބްދުﷲގެ މަރުގެ އިނީޝިއަލް ތަހުގީގުތައް ކުރެވެމުން އަންނަ ކަމަށެވެ.
"ތަހުގީގުގެ މި ސްޓޭޖުގައި ޕޯސްޓްމޯޓަމްގެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާކުރެވޭކަށް ނެތް،" އެންއައިސީގެ އޮފިސަރު ވިދާޅުވި އެވެ.
އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ.