ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މީހާއަށް އެއްވެސް ފުލުހަކު އަނިޔާވެރިވި ކަން ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ ކުށެއްގެ ތުހުމަތުގައި ގދ. ހޯޑެއްދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކު މަރުވި މައްސަަލައިގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވެފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބަލައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިމައްސަލައިގައި ފުލުހުން އިހްމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ.
ފުލުހުން މިރޭ ބުނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު، މެޔަށް ތަދެއް އަރައި ފިޓްޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން އޭނާ ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލހުން ބުނި ގޮތުގައި މި މީހާ ފަރުވާއަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގަ އެވެ. އަދި މި ލޯންޗުގައި އާންމުންވެސް ތިބި ކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.
މި މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
"މިހާދިސާއާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް، ތަހުގީގުކޮށްދެއްވުމަށް ވާނެ އެދިފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.