ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވި ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
އެ މައްސަލަ ރައީސް ސޯލިހު ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު މަރުވީ މިދިޔަ އަންގާރަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އަބްދުﷲ ރަޝީދު ފުލުހުންގެ ބަންދަށް ގެނެވިފައި ހުއްޓާ މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަބްދުﷲގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ތައްޔާރުވަމުންދާތީ އާއިލާގެ ނުރުހުމުގައި އެކަން ކޮށްފިނަމަ އަބްދުﷲގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.