ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެެވެ.
ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރުމާ ދެކޮޅަށް 22 މެންބަރުން ވޯޓު ދެއްވިއިރު މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 17 މެންބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ އަވަސް، މިނިވަން އަދި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އެކަމުގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި އަބްދުﷲ ރަޝީދުގެ މެޔަށް ތަދެއް އަރައި ފިޓްޖެހުން ފަދަ އަލާމަތްތަކެއް ފެނިގެން އޭނަ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދެވުނެވެ. އެތަނަށް ގެންދިޔައިރުވެސް އޭނަ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.
އުމުރުން 43 އަހަރުގެ އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އާއިލާ އިން އެކަމަށް ދެކޮޅު ހަދާ ކަމަށް މައުލޫމާތު ލިބެ އެވެ.