ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ހައްޔަރުކުރުމަށްފަހު އެކަން ފުލުހުން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 52 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، ބަންދުކުރާތާ ގިނަވެގެން އެއްގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ނުވަތަ މަޖިލީހުގެ އަމީންއާންމަށް އަންގަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދު ފާހަގަކުރައްވާފަ އެވެ.
އީވާ ވިދާޅުވީ ރޭގެ ވަގުތެއްގައި ޝިޔާމު ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
މެންބަރަކު ހައްޔަރުކުރުމަށްފަހު އާންމު އުސޫލުން ފުލުހުން ކުރިން އަންގަމުންދިޔަ ކަމަށްވެސް އީވާ ވިދާޅުވި އެވެ.
"މިފަހަރު ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ހައްޔަރުކުރުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަތަރު ގަޑިއިރު ވަރެއްގެ ތެރޭގައޭ ދޫކޮށްލީ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަކަށް އަންގާފައެއް ނެތް،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށް އެކަން މަޖިލީހަށް ނޭންގުމުން އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގަ އެވެ.