އީވާ އަބްދުﷲ

އީވާއަށް ބިރުދެއްކި މީހާގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ދަރިކަލުންގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މީހާ ހައްޔަރުކުރުމަށްފަހު ފޯނު އަތުލާފައި ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށްފަހު ރޭގެ ވަގުތެއްގައި އެ މީހާ ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އީވާ ހުށައެޅި މި މައްސަލަ އާއި ގުޅިގެން ރޭ 10:34 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އީވާގެ 18 އަހަރު ނުފުރޭ ދަރިކަލުން ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ފޭކް އެކައުންޓަކުން އެކަން ކުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިމައްސަލައިގައި އީވާ ކުރެއްވި ޓްވީޓެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވާ މައްސަލަ ބަލައިދިނުމަށްވެސް ކުރިން އެދިވަޑައިގެންފައިވެ އެވެ.

އީވާގެ ދަރިކަލުންގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު އީވާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.