ދިވެހި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ބައެއް ފުލުހުން ނަހަމަ ގޮތުގައި ހިފަމުން ދަނިކޮށް ސަރުކާރުން އެކުލަވާލާފައިވާ ސައިބާ ކްރައިމް ބިލުގެ ސަބަބުން އިތުރު ބާރުތަކެއް ފުުލުހުންނަށް ލިބުމަކީ ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައިބާ ކްރައިމްގެ ބިލުން ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ކަމަށާއި، އޭގެ ސަބަބުން ކޮންމެ މީހެއްގެ އަތުގައި އޮންނަ ކޮންމެ ޑިވައިސްއެއް މޮނީޓާ ކުރުމުގެ ހައްގު ފުލުހުންނަށް ލިބުމަކީ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު ވެސް ފުލުހުންނަށް އަދި އެމްއެންޑީއެފްއަށް ވެސް ފޯނުތައް އަޑުއެހުމަށް ވަކި ހުދޫދެއްގެ ތެރެއިން ބާރުތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކޯޓުގެ އަމުރަކާއެކު ފޯނު ފަދަ ޑިވައިސްތައް ބެލުމުގެ ބާރުވެސް ގާނޫނުތަކުން ލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިއުޅެނީ އަނެއްކާ ވެސް ރައްޔިތުންގެ ޕްރައިވެޓް ރައިޓްސް އިންފްރިންޖް ކުރަން،" ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރު އިތުރު ބާރުތަކެއް ލިބުމަކީ އެމަނިކުފާނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ފުލުހުންގެ އަގު ވަނީ ވަރަށް ބޮޑަށް ވައްޓާލާފައި ކަމަށެވެ. އަދި އަނބުރާ އިތުބާރު ހޯދުމަށް ދަތިވާ ވަރަށް ފުލުހުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަނީ ސައިބާ ކްރައިމްއާ ގުޅޭ ބިލެއް ހުށަހަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ސައިބާ ކްރައިމްއަށް ފިޔަވަޅު އެޅޭނެ ގޮތް ހެދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިސްލާހުތަކެއް ހުށަހަޅާފަ އެވެ. މިއިސްލާހުތަކުގައި ސައިބާ ކްރައިމް ހުއްޓުވުމަށް ފިޔަވަޅުތަކެއްް އެޅުމަށް ގާނޫނުތަކުގެ ތެރެއިން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އިތުރު ބާރުތަކެއް ދީފައިވެ އެވެ.