މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކު ރަހީނުކުރި މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

އަންހެނަކު ރަހީނުކޮށްގެން ގެންގުޅުނު ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރީ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު އެވެ.

އޭނާއަށް އޭޑީކޭއިން ފަރުވާދިނުމަށްފަހު އިއްޔެ ދޫކޮށްލި ނަމަވެސް ހާލު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އޮބްޒަވޭޝަން އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ. އެހެންނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅެވެ. އަދި މިއަދު ހެނދުނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެ އެވެ.

އަތުހަރަށް އަނިޔާވީ އޭނާ ރަހީނުކޮށްގެން ގެންގުޅުނު އަންހެން މީހާ ސަލާމަތްކުރުމަށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުންނެވެ.

އަތުހަރު ވަނީ ގޭގައި އަންހެން މީހާއަށް އަނިޔާކޮށް، މަގުމައްޗަށް ނެރުމަށްފަހު ވެސް އޭނާއަށް އަނިޔާކޮށްފަ އެވެ. އަދި އަންހެން މިހާ ސަލާމަތްކުރަން މަސައްކަތްކޮށްނަމަ އަންހެން މީހާގެ ކަރުގައި ވަޅި އަޅާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރުވެސް ދީފަ އެވެ.

އަތުހަރަކީ ކުރިން ވެސް ކުށް ކުރިކަމަށް ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.

އަތުހަރު ރަހީނު ކުރި އަންހެން މީހާ އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.