ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ނަޝީދު ފެކްޝަންގެ ފާޑުކިޔުން

ދިވެހި ފުލުހުންގެ ގާނޫނަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ފަރާތްޕުޅުން ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ވެއްޖެ އެވެ.

ފުލުހުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި މިދައުރުގެ ހަތްވަނަ ޖަލްސާގަ އެވެ. ނަމަވެސް އެ ޖަލްސާގައި އޮތީ ރިޔާސަތުން އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އެކަންޏެވެ. ބިލުގެ ބަހުސް ފަށާފައި މިވަނީ މިއަދުގެ ޖަލްސާގަ އެވެ.

މި ބިލުގެ އިބްތިތާއީ ބަހުސް ފައްޓަވައިދެއްވަމުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދެ މާއްދާއަކަށް އިސްލާހު ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ބިލުގެ ފުރަތަމަ އިސްލާހުގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއަށް ވަންނަ ކޮންމެ މީހެއްގެ ބެކްގްރައުންޑް ޗެކް ހަދާ ކޮންމެ ފަހަރަކު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި އެކަން ކުރުން އިހްތިޔާރީ ކަމަކަށް ހެދުމަށް ހުށަހަޅާފައިވެ އެވެ.

މި ބިލުގައި ދެވަނައަށް ހުށަހަޅާފައިވާ އިސްލާހުގައި ތަހުގީގު ކުރާ ފުލުހުން ވަކި ތައުލީމީ ސަނަދެއް ހޯދުމަށް ގާނޫނުން ދީފައިވާ ދެ އަހަރު ދުވަހުގެ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށް ނުފެންނާތީ އިތުރު އެއް އަހަރަށް އެ މުއްދަތު އިތުރު ކުރުމަށް އެދިފައިވެ އެވެ.

މި ބިލުގެ ބަހުސްގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މި ބިލަކީ އެއްވެސް މަގުސަދެއް އޮތް ބިލެއް ނޫން ކަމަށެވެ. ހަސަން ވިދާޅުވީ ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ވިޔަސް ފުލުހުންގެ ބެކްގްރައުންޑް ޗެކް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ފެނަކައަށް މުވައްޒަފުން ވައްދާ ވާހަކައެއް ނޫން. މި ދައްކަނީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް މުވައްޒަފުން ވައްދާ ވާހަކަ،" ހަސަން ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއަށް މީހުން ވައްދާއިރު ހަރަދު ކުރަން ޖެހޭނެ ކަމަށް ހަސަން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ ހަރަދުކޮށްގެން ރަނގަޅު އިންޓަވިއުއެއް ކޮށްފައި ވަޒީފާއަށް ރަނގަޅު މީހުން ނަގަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ދެވަނަ އިސްލާހ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ތައުލީމީ ސަނަދު ހޯދުމަށް އިތުރު އެއް އަހަރު ދިނުމަށް އެދިފައިވާއިރު އެކަން ދެ އަހަރުގެ ތެރޭގައި ނުވީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި މިއީ ދެ އަހަރުގެ ތެރޭގައި ނުވާވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ފަރާތުން ފުލުހުންގެ ގާނޫނު އިސްލާހުކޮށް ބެކްގްރައުންޑް ޗެކް ކުރަން ޖެހޭނެ ކަމަށް ނިންމިތާ އަދި ތިން އަހަރުވެސް ނުވާނެ ކަމަށެވެ.

"އެކަމަކު މިހާރު މިބުނަނީ ފުލުސް އޮފީހަށް ވައްދާ މީހުންގެ ބެކްގްރައުންޑް ޗެކް ކުރާކަށް ނުޖެހެ އޭ،" އީވާ ވިދާޅުވި އެވެ.

މިއަދަކީ އަންހެނުންގެ ދުވަސްކަމަށް ވުމުން އީވާ ދެއްކެވި ވާހަކަތައް ވަނީ ދުވަހާ ގުޅުވާލާފަ އެވެ. އެގޮތުން ރޭޕް ކުރުން ނުވަތަ މަގުމަތިން ފުރައްސާރަ ކުރުން ނުވަތަ ގެވެށި އަނިޔާ ތަހައްމަލު ކުރާ އަންހެނުންނަށްވެސް އެހީ ވާން ތިބީ ފުލުހުން ކަމަށާއި އެހެންކަމުން އެ މައްސަލަތައް ބެލުމުގައި އުޅޭ ފުލުހުންގެ ބެކްގްރައިންޑް ޗެކް ކުރަން ނުޖެހުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުވެސް ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިއީ ރިޔާސީ އިންތިހާބާ ދިމާކޮށް އިތުރު ވަޒީފާތަކެއް އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ހަސަން އަފީފް ވަނީ ސިފަ ކުރައްވާފަ އެވެ.

މުއައްސަސާތައް އިސްލާހު ކުރުމުގެ ވާހަކައަކީ ސަރުކާރުގައި ނުތިބޭއިރު ދައްކާ ވާހަކައަކަށް ހަދައިގެން ނުވާނެ ކަމަށްވެސް އަފީފް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަކީ އަޅުގަނޑުމެން ސަރުކާރުގައި ތިބޭ ވަގުތު. އެކަންކަން ކުރުމަށް ބާރު އަޅާ އެކަންކަން ކުރުމަށް އަޅުގަނޑުމެން އިސްކަން ދޭންވީ،" އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ މުއައްސަސާއެއްގައި ތިބޭ ބަޔަކަށް އެމީހުން ބޭނުން ގޮތަކަށް ކަންކަން ކުރުމަށް އިހުތިޔާރެއްގެ ގޮތުގައި ކަންކަން ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލުގެ ބަހުސްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިއީ ފުލުހުންނާއި އިމިގްރޭޝަންއާއި ކަސްޓަމްއިން މަސްތުވާތަކެތީގެ ފޯކަލް ޕޮއިންޓެއް އުފެއްދި ފަހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މިކަމުގެ ތެރެއަށް ވައްދަން ކުރާ ކަމެއް ކަމަށެވެ.

"ފުލުހުންގެ މުއައްސަސާ ތެރެއަށް މިއުޅެނީ ޑްރަގް ނެޓްވޯކް ކާޓެލް ވައްދަން ކަމަށް އަޅުގަނޑަށް ފެންނަނީ،" ބޮންޑޭ ވިދާޅުވި އެވެ.

މިއީ ގޭންގުތައް ފުލުހުންގެ ތެރެއަށް ވައްދާ ފުލުހުންގެ މުއައްސަސާ ހަރާބު ކުރުމަށް ފޮނުވާފައިވާ ބިލެއް ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް ވަނީ ސަރުކާރުގެ މި ބިލަށް ތާއިދު ކުރައްވާފަ އެވެ.