ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް އިންތިހާބުކުރުން މިރޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ނައިބު ރައީސް އިންތިހާބުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖަލްސާގައި ދިފާއުގައި ވާހަކަ ދެއްކެވުމަށްފަހު އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.

އީވާގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރިޔާސަތާ ހަވާލު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އީވާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު އެ ސިޓީ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ މިރޭ 8:30 ގައި އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އިސްތިއުފާ ދެއްވި ނަމަވެސް ނިޒާމީ މައްސަލަ ނަންގަވާ ބައެއް މެންބަރުން ވަނީ އެ ގަރާރު ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ. ނަމަވެސް އަސްލަމް ވަނީ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.