ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވެފައި މިވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކުރިއިރު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، މިއަހަރުގެ ބާކީ ދުވަސްތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެކުލަވާލާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް ކަމެއް މަޖިލީހުގައި ދެން ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައި ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ބޭނުންވިޔަސް ނުވިޔަސް މިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ޕީޖީ ގުރޫޕުން މިވަނީ ނިންމުމެއް ނިންމާފައި އެހެންވީމާ ނަޝީދުގެ މައްސަލަ ނުނިމެނީސް ދެން މަޖިލީހުގައި އެއްވެސް ކަމެއް ނުހިނގާނެ. އެއީ ބަޖެޓް ހުށަހެޅުން ކަމަށްވިޔަސް އަދި އެހެން ކަމެއް ކަމަށްވިޔަސް،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގައި އުޅުއްވާތާ އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވީ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކުރުމާ އެކު މާދަމާގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް މަޖިލީހުގެ އަމީންއާންމަށްވެސް އަންގަވާފައިވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލްކުރީ އިއްޔެގެ ޖަލްސާ އަށެވެ. ނަމަވެސް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އިއްޔެވެސް އަދި މިއަދުވެސް މަޖިލީހަށް ސަލާމް ވިދާޅުވެފައިވާތީ މި ދެ ދުވަހުގެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާ އަށެވެ.