އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަންގެ މެންޑޭޓުން ބޭރު މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މަސައްކަތް ފަށާފައިވާ 4،000 ފުލެޓަށް ޝަރުތު ހަމަވާ މީހުންނަށް ފުލެޓްތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ސަރުކާރާއި އޭސީސީއަށް ވަރަށް ބޮޑަށް ވިދާޅުވެފަ އެވެ.
ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން މި ސަރުކާރުން ޖައްސަމުންދަނީ ފަހަތަށް: އީވާ
އީވާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން މި ސަރުކާރުން ފަހަތަށް ޖައްސަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ މިހާރު އަޅުގަނޑަށް މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ހަމަ މާލޭ މީހުންގެ ބޯހިޔާވަހިކަން ފަހަތަށް، ފަހަތަށް، ފަހަތަށް ޖައްސަމުންދާތަން،" އީވާ ވިދާޅުވި އެވެ.
ފްލެޓްތަކުގެ މައްސަލަ އޭސީސީން ތަހުގީގުކުރިކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ މައްސަލަ ހުރިނަމަ އެކަންކަން ބަލަންޖެހޭނެ ކަމަށެވެ.
"މިހާރު މި އިވޭ ވާހަކައަކީ ޝަރުތު ހަމައެއް ނުވޭ. ނުވަތަ ހާލަތު ބަޔާންކޮށްފައި އޮތީ ގޯސްކޮށްނޭ. ފުރަތަމަ ދޫކުރިއިރުވެސް ޝަރުތުތަކެއްގެ މިންގަނޑު ނުވަތަ ހާލަތު ބެލުމުގެ މިންގަނޑު ނެތިއްޔާ ދެން އެ ފޯމުތައް ހުށަހެޅި ރައްޔިތުންގެ ބޮލަށް މިހާރު ކަނޑައި ނުލެވޭނެ،" އީވާ ވިދާޅުވި އެވެ
އޭސީސީއަކަށް މީހުން އިތުބާރެއް ނުކުރޭ: އިބްރާހީމް ރަޝީދު
މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އޭސީސީއަށް މީހުން އިތުބާރު ނުކުރާ ކަމަށެވެ.
"އޭސީސީއަކީ މިހާރު ކޮރަޕްޝަން ކޮމިޝަނެއް. އޭސީސީއަކަށް އިތުބާރެއް ނުކުރޭ އެއްވެސް މީހަކު. އޭސީސީ އުވާލަންވީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވަނީ ފްލެޓްތައް ނުދޭން ސަރުކާރުން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ފްލެޓްތަކުގެ މައްސަލައިގައި ނިކުންނަން އޭނާ ގޮވާލެއްވި އެވެ.
"އަޅުގަނޑު ގޮވާލަން. އަޅުގަނޑުވެސް ނުކުންނާނަން ފްލެޓް ލިބިފަ ތިބި ހުރިހާ ރައްޔިތުން ރައީސް އޮފީސް ކުރިމައްޗަށް. އޭސީސީ އުވާލަން ދާންވީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭސީސީ އަމަލުކުރަނީ މެންޑޭޓްގެ ތެރޭގައިތޯ ސުވާލު އުފެދޭ: އަހުމަދު ސަލީމް
މައްސަލައިގެ ބަހުސްގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އޭސީސީން އަމަލުކުރާ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށާއި ކޮމިޝަނުން އަމަލުކުރަނީ މެންޑޭޓްގެ ތެރޭގައިތޯ ސުވާލު އުފެދޭ ކަމަށެވެ.
ސަލީމް ވިދާޅުވީ މި މައްސަލައިގައި އޭސީސީގެ ނިޔަތް ރަނގަޅު ނަމަ ކޮމިޝަނުން އަމަލުކުރާނީ ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެންނަމަ ފްލެޓް ދޫކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދިޔަ ވަގުތު ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގަމުންދާ ކަމަށް ފާހަގަކުރެވިއްޖެނަމަ އެކަން ރަނގަޅުކުރުމަށް އެނގޭނެ ފުރުސަތު މި ގާނޫނުގެ ދަށުން ކިތަންމެ ރަނގަޅަކަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އޮތީ ލިބިފަ،" ސަލީމް ވިދާޅުވި އެވެ.
މިހާރު ފެންނަނީ އޭސީސީން ހައުސިން މިނިސްޓްރީގެ މަސައްކަތްކުރާތަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޯމުތައް އިވެލުއޭޓް ކުރައްވާތަން،" ސަލީމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް ފްލެޓްތައް ވަކި ބަޔަކަށް ދޭން ދަނީ މަސައްކަތް ކުރަމުން: އަލީ ނިޔާޒް
މި މައްސަލައިގެ ބަހުސްގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް 60 ޕަސަންޓް ފްލެޓް ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުން ބޭނުންވާ މީހުންނަށް ދޭން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑުމެންނަަށް އެބަ ފެނޭ މިކަން ދާ ގޮތް. ދާ މިސްރާބު. މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 60 އިންސައްތަ ފްލެޓްތައް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ބޭނުންވާ މީހުންނަށް ދިނުމަށް ކުރާ މަސައްކަތެއް. އިރާދަކުރެއްވިއްޔާ އެކަން ކުރަން ފުރުސަތެއް ނުދޭނަން،" ނިޔާޒު ވިދާޅުވި އެވެ.
ބަހުސްގައި ނިޔާޒުވެސް ވަނީ އޭސީސީން މަސައްކަތް ކުރަމުންދަނީ އެ ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައިތޯ ބަލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އޭސީސީން އަދާކުރަމުން ދަނީ ސަރުކާރުގެ ވުޒާރާއެއްގެ މެންޑޭޓް ކަމަށާއި ފްލެޓް ލިބުނު ބައެއް މީހުންގެ ޝަރުތު ހަމަނުވާކަން އޭސީސީން ބުނާކަން ނިޔާޒް ފާހަގަކުރެއްވި އެވެ.
ފްލެޓްތަކުގެ މައްސަލައިގައި އޭސީސީ އާއި ހައުސިން މިނިސްޓްރީއާދެމެދު ސިއްރު މުއާމަލާތްތަކެއް ކުރެވުނު ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ މި މައްސަލަ ދިރާސާކޮށް ބައްލަވާ ނިންމުމަށްފަހު ސިއްރު ލިޔުމަކުން ހައުސިން މިނިސްޓްރީއަށް މި އަންގަނީ އެކަން ކުރަންވާ ގޮތް،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އޭސީސީގެ އެ އެންގުން ހައުސިން މިނިސްޓްރީން ގަބޫލުނުކޮށް އޭސީސީއާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ ފަހުން ކަމަށެވެ.
"އަޅުގަނޑަށް ލިބޭ މައުލޫމާތުގައި (ފްލެޓް މައްސަލަ) އެއީ ރަނގަޅަށް ކޮށްފައި އޮތް ކަމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ލަފާ ދީފައިވަނީ." ނިޔާޒް ވިދާޅުވި އެވެ.
ނަމަވެސް އޭސީސީގެ އެ އެންގުން ގަބޫލުނުކުރީ ސިޔާސީ ސަބަބުތަކަށްޓަކައި ސިޔާސީ ބޭނުމަށް ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.