އޭސީސީ

ފްލެޓް ލިސްޓާ މެދު ގޮތެއް ނިންމޭނީ ޕޯޓަލްއަށް އެކްސެސް ލިބުމުން: އޭސީސީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ ދޫކުރަން ނިންމި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ މެދު ގޮތެއް ނިންމޭނީ ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ލިބިގެން ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހޯދުމަށް ހައުސިން މިނިސްޓްރީގައި އެ ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ.

ޝާމިލް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން އެދިފައިވާނީ ލިސްޓުގައި ހިމެނޭ މައުލޫމާތުތަކާއި ޕޮއިންޓްތަކަށް ބަދަލު ނުގެނެވޭނެ ގޮތަށް ޕޯޓަލްއަށް އެކްސެސް ހޯދުމަށެވެ.

ޝާމިލް ވިދާޅުވީ ފްލެޓް ލިސްޓާ ގުޅިގެން އޭސީސީ އިން މިހާތަނަށް ކުރި މަސައްކަތުން ޝަރުތު ހަމަނުވާ ބައެއް މީހުންނަށް ޕޮއިންޓް އިތުރު ކޮށްދީފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ހައްގުވެސް ހިމާޔަތްކޮށްދިނުމަކީ އޭސީސީއަށް އޮތް ޒިންމާއެއް ކަމަށްވާތީ އެ މައްސަލައިގައި ގޮތެއް ނިންމޭނީ ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ލިބިގެން ކަމަށެވެ.

ޕެޓިޝަން ކޮމިޓީއަށް މިއަދު ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުވެސް ހާޒިރުކޮށް ފްލެޓްތައް ދޫކުރުން ލަސްވާ މައްސަލައިގައި ސުވާލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި މިނިސްޓަރު ވަނީ ގެދޮވެރިޔާ ޕޯޓަލްއަށް އެކްސެސް ދިނުމަށް އޭސީސީއިން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އޭސީސީން އެދިފައިވާ ގޮތަށް ޕޯޓަލްގެ އެކްސެސް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ ބުރާސްފަތި ދުވަހު އޭސީސީއަށް އެކްސެސް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރީ ނޮވެމްބަރު ހަތަރުވަނަ ދުވަހު އެވެ. ގުރުއަތު ލައިގެން އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ކުރަމުން ދަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިނުދޭ ކަމަށް ބުނެ ފްލެޓް ދޫކުރުން ހުއްޓުވާފަ އެވެ. އޭގެފަހުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.