ޝަރުތު ހަމަނުވާ ބަޔަކަށް ލިބިފައިވާ މާކްސްތަކަށް ބަދަލު ގެނެސް އެފަދަ ބައެއް މީހުންނަށް ފްލެޓް ލިބޭ ގޮތަށް ހަދާފައިވާ ކަމަށް އޭސީސީ އިން ބުނުމާ ގުޅިގެން ނިމިދިޔަ ސަރުކާރުގައި ފްލެޓް ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަކްރަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވުމަށް އެމީހަކީ މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާންނުޖެހޭ ކަމަށެވެ.
"ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ،" އަކްރަމް ވިދާޅުވި އެވެ.
ނަމަވެސް ނިމިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލިއިރު ފްލެޓަށް ޝަރުތު ހަމަވާނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ކަމަށް ޝަރުތުތަކުގެ ތެރޭގައި ސާފުކޮށްފައި ބުނެފައިވެ އެވެ.
މާކްސް ބަދަލުކޮށްގެން ބައެއް މީހުން ޝަރުތު ހަމަވާ ބަޔަކަށް ހަދާފައިވާ އޭސީސީ އިން ބުނެފައިވާތީ އެކަމުގެ ރައްދުގައި އަކްރަމް ވިދާޅުވީ ޝަރުތު ހަމަނުވާ މީހަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމަނުކުރެވޭނެ ކަމަށެވެ.
"އޭސީސީ އިން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް. އެހެނީ އެކަން ރަގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މިދެންނެވި ސިޔާސީ ކުލަޖެހުން،" އޭސީސީގެ ތުހުމަތަށް ރައްދު ދެއްވަމުން އަކްރަމް ވިދާޅުވި އެވެ.
"ސިސްޓަމް ސްކޯ އަކާ ވެރިފިކޭސަން ސްކޯއެއް ނީންނާނެ. ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފަ އިން އޮޕްޝަން. ވެރިފަޔާ ޑިސައިޑް ކުރަނީ ފޯމުގައި ދީފަހުރި މައުލޫމާތައް ބަލައި އޮޕްޝަން ނަގާފައި އިނީ ރަނގަޅަށްތޯ. ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތައް ބަލައި ވެރިފަޔާ އޮޕްޝަން ޑިސައިޑްކުރާނެ،" އަކްރަމް އިތުރަށް ވިދާޅުވި އެވެ.
ނިމިިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ޕްލޭނިން މިނިސްޓްރީން ފްލެޓްތައް ހަވާލުކުރަން މަސައްކަތް ކުރުމުން އޭސީސީ އިން ވަނީ އެކަން ހުއްޓުވާފަ އެވެ.
އޭގެފަހުން ފްލެޓް ދޫކުރުމުގެ މަސައްކަތް މުޅިން ހުއްޓިފައިވާތީ އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ފްލެޓް ޕޯޓަލް ހަދާފައި ހުރީ ފްލެޓާ ގުޅޭ ލިޔުންތައް އެއްތަން ކުރުމަށްފަހު އޮޓޯއިން މާކްސް ދެވޭ ގޮތަށް ކަމަށެވެ. އެކަމަކު އެ މާކްސްތައް އެޕްރޫވް ކުރަން ތިބޭ މީހުން އެކަންކޮށް ނިންމުމުން އެ މީހުންގެ މައްޗަށް ތިބޭ ސްޕަވައިޒަރުން މާކްސްތަކާ ގުޅޭ ބަދަލުކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އޭސީސީ އިން ބުނީ އެފަދަ މައްސަލަ އިސްލާހުކުރުމަށް އެންގުމުން ޝަކުވާތަކަށްފަހު ދާއިމީ ލިސްޓް ނެރުނީވެސް އޭސީސީ އިން އިސްލާހު ކުރަން އެންގި މައްސަލަތައް ހައްލުނުކޮށް ކަމަށާއި ފްލެޓްތައް ދޫކުރުން ހުއްޓުވީ އެކަމާ ގުޅިގެން ކަމަށެވެ.