ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ސަފީރަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވީ ޕާކިސްތާނަށް ސަފީރެއް އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ސެލީނާ، ހަދީޖާ ނަޖީހާ ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ސިޓީ މަޖިލީހުގެ އިދާރާއަށް ލިބުނީ އިއްޔެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވާ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވަނީ އިންތިގާލީ މަރުހަލާގައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހިމެނޭހެން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަންގްލަދޭޝާއި އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ސަފީރުން އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާއިރު އެ މައްސަލަތައް މަޖިލީހަށް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށް އާޒިމް މިއަދު ވިދާޅުވި އެވެ.
"އިއްޔެގެ ތާރީހެއް ޖައްސަވާފަ މި ސިޓީ އަޅުގަނޑުމެންނަށް އިއްޔެ ލިބުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރެޓިކް ގައުމުތަކުގައި، ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލެއް ނޫނޭ. އިންތިހާބަކުން ދެރަވީމަ ދެން އޮންނާނީ ރީތިކޮށް ވެރިކަން ފުރޮޅާލުން ނޫނީ ބަދަލުކުރުމުގެ ފަސޭހަތައް ދެން އަންނަން އޮތް ފަރާތްތަކަށް ދިނުން،" ޕާކިސްތާނަށް ސަފީރެއް އައްޔަންކުރުމުގެ މައްސަލައިގައި އާޒިމު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވާ މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ކަންކަން ހިނގަނީ ޕާލިމަންޓަރީ ސިސްޓަމަށް ކަމަށެވެ.
"ކުރީ ދުވަހުގެ ސަފީރުތައް މައްސަލައެއް ނެތް. އެކަމަކު މިއަދު އަނެއްކާ އިތުރު ސަފީރެއް އިއްޔެ ފޮނުވީމާ އެއީ ޕާލިމަންޓްރީ ސިސްޓަމެއް. މިހާރު ދައުލަތާއި ސަރުކާރާ. ހެޑް އޮފް ސްޓޭޓާއި ހެޑް އޮފް ގަވަމަންޓާއި ވަކިވީތޯ؟" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.