ރައްޔިތުންގެ މަޖިލިސް

ސަފީރު ކަމަށް އަބްދުއްރަހީމާއި ތޯހާއަށް ރުހުން ދީފި

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރުމަށާއި، ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ދެ ބޭފުޅުން ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމާ ގުޅިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުން ނިންމީ މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ނިންމަވާފައި ވަނީ ރާއްޖެއިން ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ތޯހާ އައްޔަންކުރެއްވުމަށެވެ. ނަމަވެސް ފަހުން އޭނާ ޕާކިސްތާންގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރަން ނިންމެވި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ތުރުކީ އަކީ މީގެކުރިން ރާއްޖޭގެ އެމްބަސީއެއް ހުންނަ ގައުމެއް ނޫނެވެ. ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހު އެވެ.

ތުރުކީގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރުހުން ދީފައިވާ، އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ސިފައިންގެ ހިދުމަތުން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއެކު އެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.