ރައްޔިތުންގެ މަޖިލިސް

އަބްދުއްރަހީމް ސަފީރު ކަމަށް އައްޔަންކުރަނީ

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރުމަށް ނިންމައިފި އެވެ.

ނަމަވެސް އަބްދުއްރަހީމަށް ސަފީރުކަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ދިނުމުންނެވެ.

އަބްދުއްރަހީމް ސަފީރު ކަމަށް އައްޔަންކުރެވެދެން އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ސިފައިންގެ ހިދުމަތުން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއެކު އެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދެ ގައުމުން ގެންދަނީ ކުރަމުންނެވެ.