ޑރ. މުހައްމަދު މުއިއްޒު

ފަލަސްތީނަށް އަނިޔާ ދިނުމާ ދެކޮޅަށް އަބަދު އަޑުއުފުލާނަން: ރައީސް

ފަލަސްތީން ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އެކަންކަން ހުއްޓުވުމަށް ގަދައަޅައި މަސައްކަތް ކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގައުމުގެ ހާލަތު ބަޔާންކުރައްވައި އެމަނިކުފާނު މިއަދު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ހިމަނުއްވައިގެން ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި، އެއް ގައުމުން އަނެއް ގައުމަށް ގަނާކުރުމާއި، ބައިނަލްއަގްވާމީ އާންމު މަސްލަހަތު ނަގައިލުމާ އަބަދުވެސް އިދިކޮޅު ކަމަށެވެ.

"ވަކީން ހާއްސަކޮށް އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުމަށް ގަދައެޅުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އަސާސަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިހްތިރާމްކުރާ، ދިވެހީންނަށް އެހީތެރިކަމާއި އެއްބާރުލުންދޭ ކޮންމެ ގައުމަކާ އެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުން ކަމަށެވެ. އެ އުސޫލުން އަވަށްޓެރި ގައުމުތަކާ އަދި ރާއްޖޭގެ ވިޔަފާރިއާ ތަރައްގީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ގައުމުތަކާއި ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކާއެކު މިވެރިކަމުގައި ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގެ މައިގަނޑު އެއް މަސައްކަތަކަށް ވާނީ އެ ގައުމެއްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބޭނުންވާނެ ހިދުމަތްތައް ދިނުމާ ފަސޭހަތައް ފޯރުކޮށްދިނުން ކަމަށެވެ. ދެވަނަ މަސައްކަތަކަށް ވާނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމާއި ރާއްޖެއަށް ފަތުރުވެރީން ގެނައުން އިތުރުކުރުމާއި އިންވެސްޓްމަންޓްތައް ގެނައުން އިތުރުކުރުމާ އެކު ދިވެހި ވިޔަފާރި ދުނިޔެއަށް ފުޅާކުރުމަށް މަސައްކަތްކުރުން ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ގައުމުން ބޭރަށް ކުރެއްވި ރަސްމީ ދެ ދަތުރުފުޅުގެ ކާމިޔާބާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ވެރިކަމުގައި މިހާތަނަށް ހޭދަވި 11 ވަރަކަށް ހަފްތާގެ ތެރޭގައި ތުރުކީ އާއި ޗައިނާއަށް ކުރެއްވުނު ދަތުރުގައި ބޮޑެތި އިންވެސްޓްމަންޓްތަކާއި ކުރިއަށް ދިއުމުގެ ފުރުސަތުތައް ރާއްޖެއަށް ފަހިވެއްޖެ ކަމަށެވެ.

"މިކަމަށްޓަކައި އެ ދެ ގައުމުގެ ވެރިންނަށް އާދެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.