ފަލަސްތީން

އިޒްރޭލުން ރަފާހްއަށް ދީފައިވާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ރަފާހްގެ ކޭމްޕަށް އިޒްރޭލު ސިފައިން ދީފައިވާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ހަމަލާތައް ކުށްވެރި ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް އިޒްރޭލުން ތަބާވާން ޖެހޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުން އެއްވެސް ގައުމެއް އިސްތިސްނާ ނުވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލައި އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ގޮވާލައްވާފަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ.

މި ހަމަލާތަކުގައި ހަތިޔާރެއް ނެތް ފަލަސްތީނުގެ އާންމުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.

އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައިވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެސް ވަނީ އައިސީޖޭ އިން މިމަހުގެ 24 ވަނަ ދުވަހު ނެރުނު އަމުރަށް ތަބާވުމަށް ގޮވާލާފަ އެވެ.