ޔޫއެން

އދގެ ހާއްސަ ބައްދަލުވުމެއް ބާއްވައިދިނުމަށް ރާއްޖެއިން ހުށަހަޅައިފި

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ލަޝްކަރުން ފަލަސްތީންގެ ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އދގެ ހާއްސަ ސެޝަން ބާއްވައިދިނުމަށް ރާއްޖެއިން ހުށަހަޅައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ އިޒްރޭލުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ލަފާފުޅުގެ ދަށުން އދގެ އެމެޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ރާއްޖެއިން މިހާރު ހުށަހަޅާފައިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އަކީ ފަލަސްތީންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި އަބަދުވެސް ސާބިތުކަމާ އެކު އޮންނަ ގައުމެކެވެ.

އދގެ އެމެޖެންސީ ސްޕެޝަލް ސެޝަނެއް އެންމެ ފުރަތަމަ ބޭއްވީ 1997 ވަނަ އަހަރު އެވެ. އޭގެފަހުން މިފަދަ ސެޝަނެއް ބޭއްވީ 2018 ވަނަ އަަހަރު އެވެ. މިއިން ކޮންމެ ފަހަރަކުވެސް ސެޝަން ބާއްވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ޖަރީމާއެއް ހިންގުމާ ގުޅިގެންނެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބަދަލުކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 5،000 އިން މައްޗަށް އަރާފަ އެވެ. ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 500 އެއްހާ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ.