އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ބާރު އަޅަން ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސް މިއަދު ފަށައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް އެވެ.
އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް ވަކި ގޮތެއް ނުނިމި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައި އޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަށް މި ބިލްގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހުން އެ ބިލް އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިޒްރޭލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލް ޕާސްޕޯޓެއް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
އެ ބިލް ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވީ މިއަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.