ރައްޔިތުންގެ މަޖިލިސް

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ވާނެ ގޮތް ބަލަންޖެހޭ: ސައުދުﷲ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ބާރު އަޅަން ސަރުކާރަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ގަރާރުގެ ބަހުސްގައި ސައުދުﷲ ވިދާޅުވީ އަރަބި ގައުމުތަކުން ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ދިވެހި ރައްޔިތުންނާމެދު ވިސްނަން ޖެހޭ ކަމަށެވެ.

"އިޒްރޭލްގެ ޕާސްޕޯޓް މަނާކުރީމަ އަޅުގަނޑުމެންގެ ރާއްޖެއަށް ވާނީ ފައިދާތޯ ގެއްލުންތޯ ވެސް އެކަން ނިންމުމުގެ ކުރިން އަޅުގަނޑުމެން ވިސްނަންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.

ރާއްޖެ އޮތީ އެއްވެސް ގައުމަކާ "ޖެހިގަނެގެން" އުޅެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގައިވެސް މުސްލިމުން އުޅޭ ކަމަށާއި އެ މީހުން ރާއްޖެ އައުން މަނާކުރަންޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވަނީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަޖިލީހުން ގަރާރެއް ފާސްކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމާމެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

އެ ބިލްގެ މަސައްކަތް އަވަސްކުރަން ގޮވާލާ ގަރާރެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް އެވެ.