ޑރ. މުހައްމަދު މުއިއްޒު

ފްލެޓް ލިސްޓް ރިވިއު ކުރާނީ ރައްޔިތުން އިތުބާރުކުރާ ބޭފުޅުންގެ ކޮމިޓީއަކުން: ރައީސް

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް ރައްޔިތުން އިތުބާރުކުރާ ބޭފުޅުން ހިމެނޭ މިނިވަން ކޮމިޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުންވެސް އެ ބައެއްގެ ބަސް ގަބޫލުކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި (އެންޓި ކޮރަޕްޝަން ކޮމިޝަން) އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތަކާ ގުޅޭ ތަހުގީގު އޭސީސީން ހިންގަމުންދާއިރު މިނިސްޓްރީއަށް ގެދޮރުވެރިޔާ ޕޯޓަލް އެކްސެސް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އެކްސެސް ނުލިބޭތީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އޭސީސީން ނިންމާފައިވާ މީހުންގެ މައުލޫމާތުވެސް މިނިސްޓްރީއަށް ނުބެލޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވި އެވެ. ނަމަވެސް ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓްގެ ތެރެއިން ނިންމުމުގެ މަރުހަލާގައި އަދި ވަނީ މަދު ފްލެޓްތަކެކެވެ.

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން އެންގުމުން މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވީ ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުމުގެ ރަސްމިއްޔާތު މިދިޔަ ސަރުކާރުގައި ފަށައިގެން ކުރިއަށް ދަނިކޮށް މިދިޔަ ނޮވެމްބަރުގެ ތެރޭގައެވެ.

އޭސީސީން މިމަހުގެ ފަސް ވަނަ ދުވަހު ހާމަކުރި ގޮތުގައި ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމައެއް ނުވެ އެވެ.