ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތަށް ވަޑައިގަތުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވަނީ ހުރަސް އަޅާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އެމްޑީޕީގެ މެންބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވަނިކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން މިއަދަށް އެޖެންޑާކުރުމުން މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމަށް ބަންޑާރަނައިބު ދެއްވި ލަފާފުޅާއެކު ޖަލްސާއަށް ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނިންމަވާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދާއިރުު ބަޖެޓު ހުށަހެޅުމަށް އެޖެންޑާކުރި ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.
އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް ކަމެއް މަޖިލީހުގައި ދެން ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.