ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްނަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަން މިއަދަށް އެޖެންޑާކުރި ދެވަނަ ޖަލްސާވެސް ނިންމާލައިފި އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދުގެ ފުރަތަމަ ޖަލްސާ އެޖެންޑާކުރީ ހެނދުނު 9:00 އަށެވެ. އެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެވެ.
ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދުގެ ދެވަނަ ޖަލްސާ އެޖެންޑާކުރީ ހެނދުނު 11:30 އަށެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ޖަލްސާ ފައްޓަވާ އީވާ އަބްދުﷲ ވިދާޅުވީ މިއަދު ހެނދުނު އޮތް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ގަރާރު ބޭރުކޮށްލާފައިވާ ކަމަށާއި އެހެންކަމުން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މި ގަރާރަކީ މިއަދު ހެނދުނު ފެށުނު ޖަލްސާގައި މިއަދުގެ ރިޔާސަތުން މި ޖަލްސާ އެ ހިސާބުން ނިމުނީކަމަށް އިއުލާނު ކުރައްވާ ބޭރު ކުރައްވާފައިވާ ޖަލްސާއެއް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މި ޖަލްސާއަކީ މިއަދު ދެން އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި،" އީވާ ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުން ބޭރުކޮށްލީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަތުމަށްފަހު އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކޮށް މިއަދުގެ ރިޔާސަތުން ބޭރުކުރައްވާފައިވާ ޖަލްސާއަކަށްވާތީ މި ގަރާރު ދެން ރައްޔިތުންގެ މަޖިލީހުގައި މިގޮތަށް އޮއްވާ ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ނުބަލަން،" އީވާ ވިދާޅުވި އެވެ.
އެއަށްފަހު ޖަލްސާ ނިންމާލެއްވިކަން އީވާ އިއުލާނު ކުރެއްވިއިރު މަޖިލީހުގެ ތަޅުމުގައި މެންބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ.
މަޖިލީހުގައި މިއަދު ހެނދުނު 9:00ގައި އޮތް ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ހަސަން އަފީފު ވިދާޅުވި އެވެ.
"މި ގަރާރު މި އޮތީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަކަށް ނޫން ހުށަހެޅިފަ،" ހަސަން އަފީފު ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަ އަލުން ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވެ ހަސަން އަފީފު ވަނީ މަޖިލީހުގެ މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާ ނިންމަވާލައްވާފަ އެވެ.