ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން މިހާރު ގެންދަވަނީ އެކަމާ ގުޅޭ ލިޔުމުގައި ސޮއިކުރައްވަމުންނެވެ.
އެމްޑީޕީގެ ބައެއް މެންބަރުން އަވަސްއަށް މިކަން ޔަގީންކޮށްދެއްވި ނަމަވެސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ރަސްމީކޮށް ހުށަހަޅާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން މިދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އީވާގެ ރިޔާސަތުގައި މަޖިލީހުގައި ކުރިއަށް ނުދާތީ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ކޯޓުން އިއްވި ހުކުމްގައި ވަނީ މައްސަލައަށް މުހިއްމު ހައްލުތަކެއް ހޯދައިދީފަ އެވެ. ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރުމާ ހަމައަށް މަޖިލީހުގެ އިދާރާ އިން މަޖިލީހުގެ ގަވައިދު މާނަކުރީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބް ރައީސް އަށް އެކަނި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ނައިބް ރައީސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާނަމަ މަޖިލީހުގެ އާންމު ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް ބޭފުޅުންނަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަަލަ ކުރިއަށް ގެންދާ ޖަލްސާއެއްގައި ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ނިންމާފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާ އިން ފެށިގެން މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާއާ ހަމައަށް އީވާ ގެންދެވީ ސަލާމް ވިދާޅުވަމުންނެވެ. އީވާގެ މި އަމަލަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމަށް ކުރައްވާ ކަމެއް ކަމުގައި އެމްޑީޕީގެ މެންބަރުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އީވާ ވަނީ މިދިޔަ 15 ދުވަހު މަޖިލީހަށް ސަލާމް ވިދާޅުވުމަށްފަހު މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ. ނަމަވެސް އެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި މައްސަލަ -- ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ވަނީ މަޖިލީހުން ބޭރުވެފައި ކަމަށް ވިދާޅުވެ އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.
ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި އެވެ. އޭރު ހުށަހެޅި ނަޝީދުގެ މައްސަލައިގައި 54 މެންބަރުން އަދި އީވާގެ މައްސަލައިގައި 50 މެންބަރުން ސޮއިކުރެއްވި އެވެ. ނަމަވެސް އެމްޑީޕީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދެ މައްސަލަ ވެސް އަނބުރާ ގެންގޮސްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން -- 22 މެންބަރުންގެ ސޮޔާއެކު އެވެ.