އެމްޑީޕީ

ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގެންދަން ނިންމައިފި

Sep 10, 2023

އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މައްސަލަތައް އަނބުރާ ގެންދިޔައީ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ނަޝީދާއި އިވާގެ މައްސަލަ އަނބުރާ ގެންގޮސްފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ދެވަނަ ލިބިވަޑައިގެން ދެވަނަ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންޖެހި އެހެން ޕާޓީތަކުގެ އެހީތެރިކަން ބޭނުންވެފައި ވަނިކޮށެވެ.

ވަކިވަކިން ހުށަހަޅާފައިވާ ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމާފައި މިވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު މާދަމާ ބާއްވަން އޮތް ޖަލްސާގައި ގޮތެއް ނިންމުން ހަމަޖެހިފައި ވަނިކޮށެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަމައެކަނި މަސައްކަތަކީވެސް ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހެޅީ މިދިޔަ ޖޫން ހަތްވަނަ ދުވަހު އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ.

މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖުމްލަ 54 މެންބަރުން ސޮއިކުރައްވާފައިވެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު މަޖިލީހަށް އެންގެވި ނަމަވެސް އޭގެ ފަހުން ބައެއް ޖަލްސާތަކުގައި ރައީސް ނަޝީދު ވަނީ ރިޔާސަތު ބަލަހައްޓަވާފަ އެވެ.

މީގެ އިތުރުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އީވާ ވެސް މީގެކުރިން ވަނީ އަންގަވާފަ އެވެ.