އެމްޑީޕީ

ނަޝީދަށް ވަފާތެރި މެންބަރުންގެ ފާޑުކިޔުން އަނެއްކާވެސް ފަޔާއަށް

Jun 7, 2022
3

އެމްޑީޕީން ބަލަހައްޓަމުންދާ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން 39،000 މެންބަރުން ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ރިޔާސަތުގައި ނިންމެވި ނިންމެވުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަ އާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަަބަބުން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން ވަކި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެމްޑީޕީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މިމައްސަލައިގެ ބަހުސްގައި ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ނިންމި ނިންމުމަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އަށެވެ.

ގައުމީ މަޖިލީހުގެ އެ ބައްދަލުވުމުގައި ވަނީ އެމްޑީޕީން ބަލަހައްޓަމުންދާ ދަފްތަރުގައި ހިމެނޭ 39،000 މެންބަރުން ޕާޓީން ވަކިކުރުމަށް ނިންމާފަ އެވެ. އެކަމަކު އެ މީހުން ވަކިކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު ބުނާ ގޮތަށް ޕާޓީތަކަށް ސޮއިކުރާއިރު ފުރަންޖެހޭ ފޯމުގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި އެ މައުލޫމާތުތައް ފުރިހަމަ ނުވާ މީހުންނެވެ. ހާއްސަކޮށް އިނގިލީގެ ނިޝާން ޖަހަން އިލެކްޝަންސް ކޮމިޝަނުން ބާރު އަޅާތީ އިނގިލީގެ ނިޝާން ނެތް މީހުންގެ އިނގިލީގެ ނިޝާން ހޯދުމަށް އެމްޑީޕީގެ އެ ނިންމުމުގައި ބާރު އަޅާފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ނިންމުމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ނިންމުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެންބަރުން ތަކެއް ޕާޓީން ވަކިކުރަން، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކުރި ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އޮތް ނިންމުމެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ އިނގިލީގެ ނިޝާން އޮންނަން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު މަޖިލީހުގެ ތެރެއިން އިސްލާހުކޮށްފަ އެވެ. އެ އިސްލާހާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެމްޑީޕީ އަށެވެ. އެމްޑީޕީ އުފެއްދިއިރު ސިޔާސީ ޕާޓީތަކަށް މީހުން ވަނުމަށްޓަކައި އިނގިލީގެ ނިޝާން ބޭނުމެއް ނުވެ އެވެ. އެ އިސްލާހާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ދަފްތަރުން އެތައް ހާސް ބަޔަކު ވަކިކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން ގެންދަނީ އެ ޕާޓީގެ އަމިއްލަ ދަފްތަރެއް ބަލަހައްޓަމުން ކަމަށްވާތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަބަދުވެސް ބޭނުންކުރަނީ އެ ޕާޓީން އަމިއްލަ އަށް ބަލަހައްޓާ ދަފްތަރެވެ. އެ ދަފްތަރުގައި ގާތްގަނޑަކަށް 93،000 މެންބަރުން ހިމެނެ އެވެ.

އީވާ ވިދާޅުވީ ގައުމީ މަޖިލީހުގެ ނިންމުމާ ގުޅިގެން އެމްޑީޕީން ވަކިކުރަނީ އެ ޕާޓީ އުފެއްދުމަށާއި އެ ޕާޓީ މިއަދު އޮތް ހިސާބަށް ގެނެސްދިން ޕާޓީ ދެކެ އެންމެ ލޯބިވާ މީހުން ކަމަށެވެ. އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާހަގަކުރައްވަމުން އީވާ ވަނީ އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

"އެމީހުންނަށް ގާނޫނީ ގޮތުން ނަމަވެސް މި ކޮމިޓީއަށް ފޮނުވައިގެން އަޅުގަނޑުމެން ޖެހޭނީ އަލުން އަނބުރާ އެމީހުންގެ އިންތިހާބީ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރަން،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި އެމްޑީޕީގެ 39،000 މެންބަރުން ވަކިކުރަން ނިންމުމަކީ އެމްޑީޕީގެ ހަޔާތުގައިވެސް އައި އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ. ޕާޓީގެ ކަމާ ގުޅޭ ގުނަންތަކުގައި މަޝްވަރާ ނުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ 140 އަކަށް މެންބަރުން ހިމެނޭ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކުން ޕާޓީގެ 39،000 މެންބަރުން ވަކިކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވ އެވެ.

ހަސަން ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ސިއްރު ބައްދަލުވުމެއްގައި މެންބަރުންތަކެއް ވަކިކުރަން ނިންމުން ކަމަށެވެ. އެ ނިންމުން ނިންމިއިރު ޕާޓީގެ އާންމު މެންބަރުންނަށް ވާއެއް ނުވާއެއް ނޭނގޭ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން ގައުމީ މަޖިލީހުގެ އެ ނިންމުން. އެއީ ކުރެވޭނެ ކަމެއް ނޫން އިއްޒަތްތެރި ރައީސް. ގައުމީ މަޖިލިސް ތަމްސީލް ކުރާ 140 އެއްހާ މީހުންނަށް އެތަނަށް އެއްވެލާފާއި ޕާޓީގެ 39،000 މެންބަރުން 40،000 މީހުން ވަކިކުރެވޭ ގޮތަށް ގަރާރު ފާސްކޮށްގެން އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ދެކިގެން ނުވާނެ އިއްޒަތްތެރި ރައީސް. ގައުމީ މަޖިލީހަށް އެބައޮތް އެ ގަރާރު ފާސްކުރުން. އެހެންނަމަވެސް މިފަދަ މުހިއްމު ނިންމުމެއް ނިންމަމުންދާއިރު ގައުމީ މަޖިލީހުން މަޝްވަރާކުރަންޖެހޭ މިންވަރާ ގާތަށްވެސް ކުރެވިފައި ނެތް ކަން އެއީ މިއަދު އަޅުގަނޑު އެޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ހިތާމަކުރާ ކަމެއް." މިނިސްޓަރު ފައްޔާޒުގެ ޅިޔަނު ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އެމްޑީޕީން ބަލަހައްޓާ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފްތަރާ ކޮންމެހެން ދިމާވާންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ދެ ދަފްތަރު ދިމާ ނުވާ ކަމަށް ބަލައި ޕާޓީން މީހުން ކަނޑާނަމަ މެންބާޝިޕްގެ މައްސަލަ އަށް ހައްލު ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. ސިޔާސީ ޕާޓީ ތަކުގެ މެންބާޝިޕްގެ މައްސަލަ ހައްލުކުރެވޭނީ ހުރިހާ ޕާޓީއެއް ބައްދަލުވެ އެކަމުގައި މަޝްވަރާކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"މިިދިޔަ މެއި 29 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން މި ނިންމީ ސައްހަ ނޫން ބަޔަކު ލައްވާ ވޯޓުލައްވާފައި ތިމަންނަ މިހުރީ ހޮވިފައޭ ޗެއާޕާސަން ކަމަށް. އެހެންވީމާ ކިހިނެއްތޯ އެ ސައްހަ ވާނީ. އެއީ އޭ އެ ބުނި އެއްޗަކީ. ސައްހަ ނޫން މެންބަރުން ލައްވާ ތިމަންނަ މިހުރީ ހޮވިފައޭ. އެހެންވީމާ މިކަހަލަ ވާހަކަދައްކަން އަޅުގަނޑުމެން ފުރުސަތު ދިނީމާ މި އަޅުގަނޑުމެންގެ މައްސަލައަކަށް ވަނީ." ސައްހަ ނޫން މެންބަރުން ހިމެނޭ ދަފްތަރަކަށް ބަލައިގެން ބޭއްވި އިންތިހާބަކުން ފައްޔާޒު ޕާޓީގެ ޗެއާޕާސަން ކަމަށް ހޮވުނު ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ހަސަން އަފީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޗެއާޕާސަން ކަމަށް ފައްޔާޒުއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރު އެންމެ ރަނގަޅަށް އިލެކްޝަންސް ކޮމިޝަނަށް ނުބެލެހެއްޓޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ ދަފްތަރުން ބަޔަކު ދުއްވާލަން އުޅުނުއިރު އެކަން އޭރު ކުރަން ބޭނުންވި ގޮތަށް ނުކުރެވުނީ އެމްޑީޕީން އެ ޕާޓީގެ އަމިއްލަ ދަފްތަރެއް ބަލަހައްޓަމުން ދާތީ ކަމަށްވެސް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ އެމްޑީޕީގެ 39،000 މެންބަރުން ޕާޓީގެ ސިއްރު ބައްދަލުވުމަކުން ވަކިކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމީހުން އަލުން ފޯމު ފުރަން ދީފައިވާ ތިން މަސް ތެރޭގައި އެކަން ކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީ ނަމޫނާ ދައްކަންޖެހޭނެ. މި ޕާޓީއަކީ ސިޔާސީ ޕާޓީތަކަށް، އެހެން ޕާޓީ ތަކަށް ވެސް ނަމޫނާ ދައްކަން އޮތް ޕާޓީ. އަޅުގަނޑުމެންގެ ޕާޓީގައި މިބާވަތުގެ ކަންކަން ކުރަން ފުުރުސަތު ދެވިގެން ނުވާނެ. ޕާޓީގެ އާންމު މެންބަރުންގެ ހައްގުތައް ކަށަވަރުކޮށްދެވެން ޖެހޭނެ. އެ މެންބަރުންނާ އެކުގައި އަޅުގަނޑުމެންގެ ޕާޓީ ކުރިއަށްދާން ޖެހޭނީ،" އިމްތިޔާޒު ވިދާޅުވި އެވެ.