އެމްޑީޕީ

ފައްޔާޒަށް ކާމިޔާބު ؛ އިންތިހާބު ފަސްކޮށްފި

އެމްޑީީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. މިރޭގެ ބައްދަލްވުމަކީ އެކަމާމެދު ގޮތް ނިންމަން ބޭއްވި ބައްދަލްވުމެކެވެ. ވަރަށް ހޫނުވެގެންދިޔަ މި ބައްދަލްވުމުގައި ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ބަހުސް ކުރިއެވެ.

ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ހުށައެޅުއްވީ 14 މެއި ގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. މިރޭގެ ގައުމީ މަޖިލީހުގައި 115 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އިންތިހާބު ފަސްކުރަން ފެންނަ ކަމަށް 100 މެންބަރުން ވޯޓް ދެއްވިއެވެ. ވޯޓް ނުދެއްވާ ތިއްބެވީ 15 މެންބަރުންނެވެ.

މިނިސްޓަރު ފައްޔާޒަށް ތާއީދު ކުރައްވާ ހުރިހާ މެންބަރުންވެސް ވަނީ އިންތިހާބުގެ ތާރީހު ފަސްކުރަން ފެންނަ ކަމަށް ވިދާޅުވެފައެވެ. ރޯދަ މަހު އިންތިހާބު ބޭއްވުމަކީ އެކަމުން މެންބަރުންނަށް ދަތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އަދި ރޯދަ މަހު އިންތިހާބު ބޭއްވުމަށް ނިންމުމުން އެކަމާ ވަރަށް ގިނަ މެންބަރުން ޝަކުވާ ކުރަމުންދާ ކަަމަށް ވިދާޅުވިއެވެ. އިންތިހާބުގެ ތާރީހު ފަސްކުރަން ޖެހެނީ މެންބަރުންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލްވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ވާނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ 60 ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ.

"މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،" ފައްޔާޒު ވިދާޅުވިއެވެ.

ބައްދަލްވުމުގައި ފުރަތަމަ ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެންމެ ދުވަހަކަށްވެސް އިންތިހާބު ފަސް ކުރެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުން ނިންމި ނިންމުމެއް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު އަވަސްކުރާނަަމަ އެކަމަށް ތާއީދު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އިންތިހާބު ފަސް ކުރާކަށް. އަޅުގަނޑު އެދެނީ މީގެ ކުރީން ވެސް ކޮމެޓީން ކަނޑައެޅި ތާރީހުގައި އެއީ ރަމަޟާން މަހުގެ ދުވަހެއްކަން އެނގިތިއްބަވާ ކަނޑައެޅުއްވި ތާރީހުގައި ބޭއްވުން ނޫނިއްޔާ އަވަސްކުރާ ކަމަށް ވަނީވިއްޔާ އަޅުގަނޑު އިއުތިރާޒެއް ނެތް. ލަސްކުރާ ކުރުމަށް އިންކާރު ކުރަން،" އިމްތިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންތިއަށް ފަހު ދެން ވާހަކަ ދެއްކެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭނާ ވަނީ ނުސީދާކޮށް ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ވަގުތު ހަމަވުމުން ވާހަކަ ދެއްކެވުން ހުއްޓަވާ ނުލެއްވުމުން ބައްދަލްވުން ވަރަށް ބޮޑަށް ހޫނުވިއެވެ.

މިރޭގެ ޖަލްސާގައި މެންބަރު އަލީ އާޒިމް އާއި މެންބަރު އީވާ އަބްދުﷲ އާއި މެންބަރު މީކާއިލް ނަސީމް އާއި މެންބަރު މުހައްމަދު ވަހީދު އާއި މެންބަރު އިލްޔާސް ލަބީބް އާއި މެންބަރު ހަސަން ލަތީފް ފަދަ އިންތިއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އަދި އެއީ ވަރަށް "ޕީޕީއެމް ސިފައެއް" ކަމަށް ވިދާޅުވެ އިންތިހާބު ފަސްކުރަން ދެކޮޅު ހެއްދެވިއެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.

މީގެ އިތުުރުން މިރޭގެ ބައްދަލްވުމުގައި ވަނީ އަންހެނުންގެ ރޫހުގެ ވޯޓްލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމުން ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓް ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް ހުށައެޅި ހުށައެޅުން ވަނީ ފާސްކޮށްފައެވެ.