އެމްޑީޕީ

ވާދަ ފެށިއްޖެ، އީވާގެ ތާއީދު އިންތިއަށް

އެމްޑީޕީގެ ހުސްވެފައިވާ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެންނަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޗެެއާޕާސަން ކަމަށް އިންތި ގެނައުމަށް ސޯޝަލް މީޑިއާގައި ބަޔަކު ކެންޕެއިން ކުރަމުން ދަނިކޮށް އިންތި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވިކަން ރޭ މެންދަމު އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ދިދަ އެއް ހިމެނޭ ފޮޓޯއަކާއެކު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗެެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފި ކަމަށެވެ.

އިންތި އެ ޓްވީޓް ކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވަނީ އިންތިއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. އީވާ ވިދާޅުވީ އޭނާގެ ފުރިހަމަ ތާއީދު އިންތިއަށް އެބަ އޮތް ކަމަށެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދައްކަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވެސް ވަނީ އިންތިއަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ނަމަވެސް ވަކި ބޭފުޅަކު އެންޑްސްކޮށް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މިހާތަނަށް އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ކުރިއަށް އޮތްތާ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ބައެއް މީހުންގެ ނަޒަރުގައި މި ފަހަރުވެސް ދެ ރައީސުންގެ ވާދަވެރިކަން އޮންނާނެ އެވެ.

ރައީސް ސޯލިހްގެ ތާއީދު މިނިސްޓަރު ފައްޔާޒު އަށް އަދި ރައީސް ނަޝީދުގެ ތާއީދު އިންތިއަށެވެ. އެހެން ވެއްޖެނަމަ ދެ ރައީސުންގެ މެދުގައި މީގެ ކުރީން އުފެދިފައި ނެތް ވަރުގެ ވާދަވެރިކަމެއް އުފެދޭނެ އެވެ.

މަޖިލީސް ރައީސަކު ހޮވުމަށް ކުރެވުނު މަަސައްކަތުގައި ވެސް ދެ ރައީސުންނަށް އެއް ބޭފުޅަކަށް އެއްބަސްނުވެވުނެވެ. މީގެ އިތުރުން މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު އިސްވެ ފެއްޓެވި މަަސައްކަތް ރައީސް ސޯލިހް ވަނީ ހުއްޓުވާފައެވެ.