އީވާ އަބްދުﷲ

ފަރަގު ބޮޑުކޮށް އިންތި އިންތިހާބު ނަގާނެ: އީވާ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޒާމް ފަހުމީ (އިންތި) ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޗެެއާޕާސަންގެ ރޭހުގައި ވާދަކުރައްވަނީ މެންބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އެވެ.

އިންތިއަށް ތާއީދު ހޯއްދެވުމަށް އީވާ ގެންދަވަނީ ގިނަ ރަށްތަކަކަށް ވަޑައިގަންނަވަމުންނެވެ. އީވާ މިއަދު ވިދާޅުވީ ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާއެކު 111 ރަށަށް އިމްތިޔާޒްއާއެކު ވަޑައިގެންނެވިއްޖެ ކަމަށެވެ. އަދި ކޮންމެ ރަށަކުންވެސް ފެންނަނީ އުންމީދު ކަމަށް ވިދާޅުވިއެވެ. އީވާ ވިދާޅުވީ ފަރަގު ބޮޑުކޮށް އިންތި މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ތ. އަތޮޅު އެމްޑީޕީ މިހެން ތިބިއްޔާ ފަރަގު ބޮޑުކޮށް އިންތި މި އިންތިހާބު ނަގާނެ،" އީވާ ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ އަރިސް އަދި ވަފާތެރި މެންބަރުންގެ ތާއީދު އޮތީ އިންތިއަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ގެންދަވަނީ އިންތި ހޮއްވެވުމަށް ރަށްރަށަށް ދަތުރުކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.

މި މަހުގެ 16 ވަނަ ދުވަހު ބާއްވަން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ.