ހަސަން ލަތީފް

ފައްޔާޒް ހޮވައިފިނަމަ ނަޝީދު ބާކީކޮށްލާނެ: ހަސަން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ނަތީޖާއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށް 2023 ގެ އިންތިހާބަށް ދާނީތޯ ނުވަތަ ނަޝީދުގެ ވިސްނުންފުޅާއެކީ އިންތިހާބަށް ދާނީތޯ ކުރެވޭ ސުވާލަކަށް ޖަވާބު ލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މިރޭ އޮތް ތަރާވީހެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން އިންތިޒާމްކޮށް އައްޑޫ ސިޓީގައި ހުންނަ ރައީސް ނަޝީދުގެ އޮފީހުގައި ބޭއްވި ހަރަކާތުގައި ހަސަން ލަތީފް ވިދާޅުވީ ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން މުހިންމު ސުވާލަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

"ޕާޓީގެ ރައީސް، ރައީސް ނަޝީދު ބާކީކޮށް އެކަހެރިކޮށް އެއްފަރާތްކޮށް 2023 ގެ އިންތިހާބަށް އަޅުގަނޑުމެން ދާނީތޯ ނުވަތަ ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ވިސްނުންފުޅާއި ތަސައްވުރާ އެކީގައި އަދި މަސައްކަތާ އެކީ އަޅުގަނޑުމެންގެ މި އޮތް ގުޅުމާއެކީގައި 2023 ގެ އިންތިހާބަށް ދާނީތޯ. މި އިންތިހާބުގެ ނަތީޖާއަކަށް ވެގެން ދާނީ މި ދެންނެވި ސުވާލުގެ ޖަވާބު ލިބުން،" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު ބާކީކޮށް އިންތިހާބާ ކުރިމަތި ލުމަށް އެމްޑީޕީގެ މެންބަރުން ބޭނުން ނުވާނެ ކަަމަށެވެ. އެކަން އެ ގޮތަށް ވާނީ އިމްތިޔާޒް ހޮވައިގެން ކަމަށްވެސް ވިދާޅުވިއެވެ. އިމްތިޔާޒް އިންތިހާބުކޮށްފިނަމަ ޕާޓީގެ ރައީސް ކަމުގައި ހުންނަވާނީ ނަޝީދު ކަަމަށާ 2023 ގެ އިންތިހާބަށް އެމްޑީޕީން ދާނީ ނަޝީދުގެ މަޝްވަރާ ލިބިގެން ކަމަށެވެ. ފައްޔާޒްގެ ނަން ވިދާޅުނުވެ ހަސަން ވަނީ ފައްޔަ އިންތިހާބުވެއްޖެނަމަ އެކަން އެހެން ނުހިނގާނެ ކަމަށް ވިދާޅުވެފައެވެ.

"ރައީސް ނަޝީދު އެއް ފަރާތްކޮށް ބާކީކޮށް އެކަހެރިކޮށް އަދި ރައީސް ނަޝީދުގެ މަޝްވަރާއާ ނުލާ 2023ގެ އިންތިހާބަށް ގޮސްގެން އަޅުގަނޑުމެންނަށް ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަން އެއީ ހަމަ ގައިމުވެސް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރާނެ ކަމެއް. އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ކަމަކީ މި އިންތިހާބު އިމްތިޔާޒް ފަހުމީ ކާމިޔާބު ކުރައްވައިފިއްޔާ މި ދެންނެވި ގޮތަކަށް އެކަމެއް ނުހިނގާނެ. ރައީސް ނަޝީދު ހުންނަވާނީ ޕާޓީ ހިންގެވުމުގައި، ޕާޓީގެ ރައީސްގެ ގޮތުގައި. މަޝްވަރާއާ އިރުޝާދު ލިބިގެން 2023 ގެ އިންތިހާބަށް ދާނީ. އެހެން ނޫން ކަމަށް ވަންޏާ އެކަން އެހެން ނުވާނެކަމީވެސް އެއީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.