އިމްރާން އަބްދުﷲ

އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުން އިހުމާލުވިކަން ސާބިތެއް ނުވޭ: އިމްރާން

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ހުރި ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތްކަން ތަހުގީގުން ހާމަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ އޮކްޓޫބަރު 25، 2022ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރަށް މިމަހު ހަތް މަސް ފުރޭއިރު ތަހުގީގަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

"ޕޯސްޓްމޯޓަމް ހެދިފަހުން އެންމެ ފޯނު ކޯލެއްވެސް އާއިލާއަށް ގޮސްފައެއް ނުވޭ. ޕޯސްޓްމޯޓަމް ހެދިފަހުން ތިބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވޭ. ފުލުހުންގެ ތަހުގީގަށް ވީގޮތެއް ނޭނގޭ، ކޮން ކަމެއްތޯ ކުރެވުނީ ވަޒީރު،" ފިރުޝާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާމް ވިދާޅުވީ އަބްދުﷲ ރަޝީދު މަރާއި ގުޅިގެން ޔަގީންކުރަން ބޭނުންވީ އެކަމުގައި ފުލުހުންގެ އަމަލެއް ނުވަތަ އިހުމާލެއް އޮތްތޯ ކަމަށެވެ.

"(އަބްދުﷲ ރަޝީދު މަރުވުމުގައި) ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އެކަން ކުރި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުން އިހުމާލެއް ފެންނަން ނެތްނަމަ އެކަމުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލުވުން އޮތްކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.