އިމްރާން އަބްދުﷲ

ޖަލުގައި ބޭނުންކުރި 431 ނަންބަރު ބްލޮކްކޮށްފި

ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް 365 އައިއެމްއައިއީ މިއަހަރުގެ މިހާތަނަށް ބްލެކްލިސްޓްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހިންގާކަމަށް ބުނާ ސްކޭމް ފޯނުކޯލުތައް ހުއްޓުވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިޔުމުން ސާފުކުރެއްވުމަށް މިނިސްޓަރާއި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގައި ބޭނުންކުރި 10 އައިޕީ އާއި 12 ވެބްސައިޓް މިއަހަރުގެ މިހާތަނަށް ބްލޮކްކޮށްފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލު ތެރޭގައި ސްކޭމް ފޯނުކުރާ ކަމަށް ފާހަގަކުރެވޭ ގައިދީން އެކަހެރިކޮށް އެ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް މުވާސަލާތީ އާލާތްތައް އަތުލައި ގަނެފައިވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލުގައި ތިބޭ ގައިދީން ސިއްރުން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް އެ ސާވިސްއާއި ފުލުހުންނާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން މާފުށީ ޖަލު ސަރަހައްދުގައި މިއަހަރު އެންޓަނާޢެއް ހަރުކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ މޯބައިލް ފޯނުގެ މައުލޫމާތުތައް މި އެންޓަނާ މެދުވެރިކޮށް ޖަމާކުރެވޭ ކަމަށެވެ.

"ނަމަވެސް މި މައުލޫމާތު ޖަމާކުރެވެނީ ނެޓްވާކް އޮޕަރޭޓަރުންގެ ސާވާތަކަށްކަމުން، އެ މައުލޫމާތުތައް ހޯދަން ޖެހެނީ އެފަރާތްތައް މެދުވެރިކޮށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލު ތެރޭގައި ގައިދީން ބޭނުންކުރާ ނަންބަރުތަކާއި އަދި އެހެން ނަންބަރުތައް ވަކިކުރުމަށް ކަރެކްޝަނަލްގެ އޮފިސަރުން ބޭނުންކުރާ ފޯނުތަކާއި ފޯނު ނަންބަރާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރަމުންދާ ކަމަށެވެ.

"މިއިން މައުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަންވެސް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފުލުހުންގެ ހިދުމަތާ ދަނީ ހިއްސާކުރެވެމުން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެންޓަނާ މެދުވެރިކޮށް މައުލޫމާތު ޖަމާކުރެވެނީ ދިރާގާއި އުރީދޫއަށް ކަމަށެވެ.

"އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންނުދާތީއާއި އަދި ފޯރުކޯށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަން،" އިމްރާން ފާހަގަކުރެއްވި އެވެ.

އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ހިދުމަތް މެދުކަނޑާލުމަށް އެދޭ ބައެއް ނަންބަރުތައް މެދުކަނޑާލުން ލަސްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.