ޖަލުތަކާއި ފުލުހުންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެމްޑީޕީ އަށް ނިސްބަތްވާ ހޯމް މިނިސްޓަރެއް ކަމަށް އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހޯމް މިނިސްޓަރަކަށް ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.
ހޯމް މިނިސްޓަރާ ގުޅޭ ގޮތުން މެންބަރު ރާއީ ވާހަކަދެއްކެވީ ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ރޭގެ ވަގުތެއްގައި ކުއްލިއަކަށް ނިޔާވުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެެވެ.
ރާއީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުތަކާއި ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިނަ ހައްލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް ޖަލުތަކާއި ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކަށް އަދިވެސް އަވަސް ހައްލުތަކެއް ބޭނުންވާ ކަމަށާއި އެކަން ކުރަން ބޭނުންވަނީ އެމްޑީޕީގެ ހޯމް މިނިސްޓަރެއް ކަމަށެވެ.
"އެމްޑީޕީގެ ބޭފުޅަކު ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިފިނަމަ މިހާރު ހުރި ސްޕީޑަށް ވުރެ ރަނގަޅަށް ކަންކަން ދާނެ. އަޅުގަނޑު ވަރަށް ދެކެން ވެސް ބޭނުންވޭ އެމްޑީޕީގެ ހޯމް މިނިސްޓަރަކު ހުންނަ ދުވަހެއް" ރާއީ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އިމްރާން ހުންނެވުމާ ދެކޮޅަށް ދޭތެރެދޭތެރެއިން އެމްޑީޕީގެ މަޖިލިސް މެބްބަރުން ވާހަކަދައްކަވަ އެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު "ބަޣާވާތާކުން" ބަދަލުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އިމްރާން އެވެ.
އެކަމަކު ހޯމް މިނިސްޓަރު ކަމުން އިމްރާން އަބްދުﷲ ވަކިކުރުމަށް އޭނާއާ ދެކޮޅަށް އިދިކޮޅުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ތާއީދުކުރެއްވީ އިމްރާނަށް އިތުބާރު އޮތް ކަމަށެވެ.