މަސްތުވާ ތަކެތި އެތެރެ ކުރި މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ މީހާ އަށް ނުރައްކަލެއް އޮތް ކަމަށް ފެންނާން ދެން މަގާމުން އެކަހެރި ކުރަން ޖެހޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބަޔަކު ދޫކޮށްލަން ކޯޓުން އަމުރުކުރުމުން އެ މީހުން ދޫކޮށްލާފައި ވަނިކޮށެވެ. އެ މީހުން ދޫކޮށްލީ 8 ފަހަރެއްގެ މަތިން މުއްދަތު ޖެހުމަށްފަހު ފުލުހުންގެ ބަންދުގައި ތިބުމަށްފަހު އެވެ. ފުލުހުން ކުރިއަށް ގެންދާ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނިމިފައި ނުވާތީ އެމީހުން ދޫކޮށްލީ ނުވަވަނަ ފަހަރަށް މުއްދަތު އިތުރު ކުރުމަށް މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އަދި އެ މީހުން ދޫކޮށްލުމަކީ މިވަގުތު މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ފެންނާތީ އެވެ.
ފަނޑިޔާރުގެ އެ ނިންމުމަށް އިޝާރާތް ކުރައްވާ މެންބަރު ރަޝީދު ވިދާޅުވީ މަސްތުވާ ތަކެތި އެތެރެ ކުރި މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ މީހާ އަށް ނުރައްކަލެއް އޮތް ކަމަށް ފެންނާން ދެން މަގާމުން އެކަހެރި ކުރަން ޖެހޭނެ ކަމަށެވެ.
ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބަޔަކު ދޫކޮށްލިއިރު ރާއްޖެއަށް 24 ކިލޯގެ ޑްރަގްސް އެތެރެ ކުރި މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކުވެސް ވަނީ ދޫކޮށްލާފައެވެ. ސައުވީސް ކިލޯގެ ޑްރަގް އެތެރެކޮށްގެން ސަފްވާން ކިޔާ މީހަކު އުމުރަށް ޖަލަށްލާން ހުކުމް ކުރީ މާޗް، 2017 ގައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ކީއްވެ ކަމެއް ހޯމް މިނިސްޓްރީން އަދި ކަރެކްޝަނުންވެސް ނުބުންޏެވެ. އެ މައްސަލާގައި ވާހަކަ ދައްކަން އެ ދެ މުއައްސަސާއިން ދެކޮޅު ހަދަނީ ކީއްވެ ކަމެއް ނޭންގެއެވެ.
އެ މައްސަލާގައިވެސް މެންބަރު ރަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ވައުދުވީ އެކަންކަން ހުއްޓުވަން ކަމަށެވެ. އަދި އެމްޑީޕީއާއެކު މި ސަރުކާރުގައި އޮތް ޕާޓީތަކަށް ތުހުމަތު ކުރައްވާ ވިދާޅުވީ މިފަދަ ކަންކަން ތަކުރާރުވާނަމަ އެމްޑީޕީ މި ސަރުކާރުގައި އޮތަސް މިއީ "ވަޅޯ ކޯލިޝަން" އެއް ކަމަށެވެ.