ހަބަރު

އަދީބަށް ނުފިލޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: އިދާރާތަކުގެ ވެރިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށްފަހު ފިލައިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖެއަށް އޭނާ ގެނެވޭނެ ކަމުގެ ޔަގީކަން އެބަ އޮތް ކަމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ވިދާޅުވެއްޖެ އެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރި އެވެ.

ކޮމިޓީގެ ނިންމުމާ އެއް ގޮތަށް މިއަދު ހަވީރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ ވަނީ މަޖިލިސް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންނަށް ވެސް ބޭނުންވާ ބޭސްފަރުވާ ހޯދައިދިނުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާތީ އަދީބަށް ވެސް ބޭނުންވާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދިނުމުން އެ ކަމުގެ ހުއްދަ ދޭން ސަރުކާރުން ނިންމީ ކަމަށެވެ. އެހެން ނަމަވެސް އަދީބަކީ މާލީ ބޮޑެތި މައްސަލަތަކެއްގެ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތުތައް ކުރެވޭ ފަރާތަކަށް ވާތީ އޭނާ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ސަލާމަތީ ކަމަކާއި އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަދީބުގެ ސިއްހީ ފަރުވާ ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ލާޒިމުކުރާ ދަތުރެއްގައި ފޮނުވަން ޖެހޭތީ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސިގެން ދާއިރުގައި މީގެ ކުރިން އެއްވެސް ބޭފުޅަކަށް ހަމަނުޖެއްސޭހާ ހަރުދަނާ އިންތިޒާމެއްގައި މިކަން ކުރެވިގެންދާކަން އަޅުގަނޑު ގަބޫލުކުރަން، ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވޭ އަހުމަދު އަދީބު ފިލުމަކަށް މިއިން އެއްވެސް މުއައްސަސާއަކުން ފުރުސަތެއް ނުދޭނަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ކަމަކީ އަހުމަދު އަދީބު އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށާއި އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމުމާއެކު އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި ފުލުހުންގެ އެޑްވާންސް ޓީމެއް އިންޑިއާއަށް ދާނެ ކަމަށެވެ. އަދި އަދީބުގެ ދަތުރު ނިމެންދެން ފުލުހުންގެ ވެސް ތިން އޮފިސަރުންނާއެކު އަދީބާއެކު ހަތް މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ. އަދީބަކީ ދައުލަތުގެ މަސްލަހަތު ހުރި ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފަރާތަަކަށްވާތީ އެނބުރި ރާއްޖެ ގެނެވޭނެ ކަން ކަށަވަރު ކުރުމަށްޓަކައި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބަލާނެ ކަމުގެ ޔަގީން ކަން ކޮމިޝަނަރު ދެއްވި އެވެ.

"އެކަން ރަނގަޅަށް ތަރުތީބު ކުރެވި އިންތިޒާމުތައް ހަމަޖެހި، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް މައުލޫމާތު އެރުވިފައި ވާނީ، އިންޑިއާއަށް ދިޔަ ނަމަވެސް އަނބުރާ ރާއްޖެ ގެނެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ތަރުތީބުވެފައި ވަނީ،" ހަމީދު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ އަދީބުގެ ދަތުރާ ގުޅިގެން ހަމަޖައްސަން ޖެހޭ ހުރިހާ ސަލަމާތީ ކަންކަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އަދީބު ފިލައިގެން ދާން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް އޭނާ ވެސް ވަނީ ތަކުރާރުކޮށް ކޮމިޓީގައި ވިދާޅުވެފަ އެވެ.

އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ވިދާޅުވި ގޮތުގައި އަދީބަށް ޕާސްޕޯޓު ދުލެއް ނުކުރެ އެވެ. އޭނާއަށް ދޫކުރީ އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓެކެވެ. އެ ޑޮކިއުމެންޓް މެދުވެރިކޮށް ދަތުރުކުރެވެނީ ވެސް ހަމައެކަނި އިންޑިއާއަށެވެ. އެހެން ގައުމަށް ދަތުރެއް ނުކުރެވޭނެ އެވެ. އަދި އެއް އަހަރު ހަމަނުވަނީސް ރާއްޖެ ވަޑައިގަތަސް، އެއާ ހަމައިން ޑޮކިއުމެންޓް ކެންސަލް ވާނެ އެވެ. އަދީބުގެ ދަތުރުގެ ސަލާމަތީ ކަންކަން ހަރުދަނާ ވެފައިވާތީވެ އިމިގްރޭޝަނުން ވެސް ޔަގީންކަން ދެނީ އަދީބަށް ފިލުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.