އިމްރާން އަބްދުﷲ

ވަގަށް ވައްދާ ފޯނުތައް ހޯދަން ޖަލުގައި އެންޓަނާތަކެއް ޖަހައިފި

ޖަލުތަކަށް ވަގަށް ވައްދާ ފޯނުތައް ހޯދަން އެ ތަންތަނުގައި ހާއްސަ އެންޓަނާތައް ގާއިމުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ހަސަން އެއްސެވީ ޖަލަށް ވައްދާ ފޯނުތަކާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް މިހާރު ހޯދިފައިވޭތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ މަނާ ތަކެތި ޖަލުތަކަށް ވެއްދުން ހުއްޓުވުމުގެ ގޮތުން މިހާރު ވެސް ވަަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޖަލަށް ވައްދާ ފޯނުތައް ހޯދަން ޖަލުތަކުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ހާއްސަ އެންޓަނާތަކެއް ހަރުކޮށްފައިވާ ކަމަށެވެ.

"ސާވިސް ޕްރޮވައިޑާތަކާ ވާހަކަ ދައްކައިގެން ޖަލުގެ ތެރޭގައި ހާއްސަ އެންޓަނާއެއް ޖަހައިގެން މިހާރު ވެސް އެ އެންޓަނާތަކަށް ރިސީވްވާ ވަކި ސިގްނަލްތަކަަށް އެތަންތަނުގައި އާންމުކޮށް ބޭނުންކުރާ ފޯނު ނޫން އެހެން ފޯނެއް ވަދެއްޖެނަމަ އެ ފޯނު ދެނެގަނެ އެ ފޯނު ބްލޮކްކުރުމާއި އެ ފޯނެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން" އިމްރާން ވިދާޅުވި އެވެ.

އެންޓަނާތައް ހަރުކޮށް ވަގު ފޯނުތައް ބްލޮކްކުރަން މަސައްކަތް ފެށި ނަމަވެސް އަދިވެސް އެކަމުގައި ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ތެރޭގައި ބައެއް މައްސަލަތައް ހުރުމުން އެކަން ހައްލުކުރުމަށް މިދިޔަ ހަފްތާގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާގެ ތެރޭގައި ވެސް ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނު އަޅުގަނޑުމެން ވަނީ ހޯދި އަދި އެތަކެތި ވަނީ ފުލުހުންނާ ހަވާލުކުރެވިފައި" އިމްރާން ވިދާޅުވި އެވެ.