އިމްރާން އަބްދުﷲ

ގައިދީ މަރުވުމުގައި އިހުމާލެއް ނެތް: އިމްރާން

ޝަރީއަތް ނިމެންދެން "ވާނުވާ" ގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ އިސްމާއީލް ޝަބީން މަރުވި މައްސަލައިގައި އިހުމާލުވާން ޖެހޭ ފަރާތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އިސްމާއިލް ޝަބީން، މަރުވީ އޭނާ ބޭސްފަރުވާއަށް އެދިފައި އޮއްވާ ފަރުވާ ނުލިބިގެން ކަމަށެވެ. އަދި އެކަން އިމްރާންގެ ސަމާލުކަމަށް އައިސްފައިވޭތޯ ސައީދު ސުވާލުކުރެއްވި އެވެ.

ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ މިހާރު އޮންނަ އިންތިޒާމްގެ ތެރެއިން އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ އިންސްޕެކްޓާ އޮފް ކަރެކްޝަންސް އިން އެ މައްސަލަ މިނިވަން ކަމާއެކު ބަލާނެ ކަމަށެވެ. އަދި އެއަށް ފަހު ހިއުމަން ރައިޓްސްއާ އެކު ވެސް އެ މައްސަަލައާ ގުޅޭގޮތުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެޗްއާރުސީއެމްއާ ގުޅިގެން އުފައްދާ ރިޕޯޓަކީ ކަރެކްޝަންސް އިން އުފައްދާ ރިޕޯޓާ މުޅިން މިނިވަން ރިޕޯޓެއް ކަމަށެވެ.

ކޮންމެ ރިޕޯޓަކާއެކު އިންސްޕެކްޓާ އޮފް ކަރެކްޝަންސް އިން އެ މައްސަލަ މިނިވަން ކަމާއެކު ބަލައި، އެޗްއާރްސީއެމްއާ އެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރާނެ ކަމަށެވެ.

"އަޅުގަނޑު ބަަލައިފިން. އެކަމުގައި އެއްވެސް ފަރާތަކުން ފަރުވާކުޑަކޮށްގެން، އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށްގެން އަދި އެއްވެސްް ފަރާތަކުން ޒިންމާވާންޖެހޭ ފަަދަ ކަމެއް އޮވެގެން، އެ މައްސަަލަ ދިމާވެފައި އޮތް ކަަމަށް ގަބޫލުކުރެވޭނެ އެއްވެސް ރިޕޯޓެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

ޝަބީން މަރުވީ މިިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހުއްޓާ ހާލު ދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަކީ ހަކުރު ބައްޔަށްވެސް ފަރުވާ ކުރަމުން ދިޔަ މީހެކެވެ.

ޝަބީން ޑޮކްޓަރަށް ނުދައްކައި ހުއްޓައި މަރުވި ކަމަށް އާއިލާއިން ކުރާ ތުހުމަތުތަކާ ގުޅިގެން ގިނަ ބައެެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އިމްރާން މިއަދު ވިދާޅުވީ ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ބައެއް ގައިދީން އަހަރަކު 40 ފަހަރުވެސް ޑޮކްޓަަަރަށް ދައްކާފައިވާ ކަަމަށެވެ. އަދި ޖަލުން ބޭރުގައި ތިބޭ މީހުންވެސް އެވަރަށް ޑޮކްޓަރަށް ދެއްކޭނެހެން ހީނުވާ ކަމަށެވެ. ޝަބީން ޑޮކްޓަރަށް ދެއްކިތޯ ބަލައި ކަށަވަރުކޮށްފައިވާ ކަމަށާއި އަދި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.