އިމްރާން އަބްދުﷲ

އަނެއްކާވެސް އިމްރާން ހޫނު ފެނަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އޭނާއަށް އަނެއްކާ ވެސް ވަރަށް ބޮޑަށް އަމާޒުވެެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭ ގޮތުން އިމްރާން މަޖިލީހުގައި ދެއްވި ޖަވާބާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިތާ މާގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް މިއަދު އިމްރާނަށް ފާޑުކިޔުންތައް އަމާޒުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އިސްމާއީލް ޝަބީންގެ މަރާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގައި ދެއްވި ޖަވާބާ ގުޅިގެން ނެވެ.

ޝަބީން މަރުވީ ބޭސް ފަރުވާއަށް އެދި ހުށަހަޅައިފައި ވަނިކޮށް ކަމަށް ވާހަކަތައް ފެތުރިފައި އޮތް ނަމަވެސް މިނިސްޓަރު އިމްރާން އިއްޔެ ވިދާޅުވީ ޝަބީން ޑޮކްޓަރަށް ދެއްކިތޯ ބަލައި ކަށަވަރުކޮށްފައިވާ ކަމަށާއި އަދި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ކަރެކްޝަންގެ އިހުމާލެއް ނެތް ކަމަށެވެ.

"ވާނުވާ" ގައި ތިބޭ މީހުންގެ މައްސަލަ އާއި ގައިދީންއަށް ރަނގަޅު ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބަހުސްގައި ސިރާޖު މިއަދު ވިދާޅުވީ އިމްރާން އިއްޔެ ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވާ ކަަމަށެވެ. އަދި ޝަބީން މަރުވީ ބޭސް ފަރުވާއަށް ސަލާން ޖަހަމުން ދަނިކޮށް ކަން ދައުލަތުގެ އިދާރާގެ ލިޔެކިޔުންތަކުން ވެސް އެނގޭ ކަަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ބެލުމުގައި ދަށުގައި ހުރި މީހަކު މަރުވުމުން އެ ހާދިސާ ހިނގައި ދިޔަގޮތުގެ ތަފްސީލު އެނގެން ޖެހޭނެ ކަމަށެވެ.

"އިއްޔެ ހޯމް މިނިސްޓަރާ ސުވާލު ކުރީމަ ނިޔާވި ފަރާތުގެ ނަން ވެސް ރަނގަޅަށް ނޭނގޭ. ނަން ނޭނގުނު ނަމަވެސް [ސުވާލު ކުރީމަ] ވަރަށް ފަސޭހައިން ޖަވާބުގައި ވިދާޅުވި ބޭސްފަރުވާގެ ހިދުމަތްތައް ރަނގަޅަށޭ ދިޔައީ. އެކަން އަޅުގަނޑު ބަލައިފީމޭ. އަޅުގަނޑަކަށް ނޭނގޭ ކޮންމެ ކަމެއްގައި ވަރަށް ކުރުކޮށް އަވަސް އަވަހަށް އެބަ ޖަވާބުދޭ. އެއްވެސް ތަހުގީގެއް ނެތި. އަޅުގަނޑުގެ އިތުބާރެއް ނެތް ހޯމް މިނިސްޓަރަކަށް" ސިރާޖު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވެސް އިމްރާނަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަބީންގެ މަރުގެ މައްސަލައިގައި އިމްރާން ސާފު ސީދާ ޖަވާބެއް އިއްޔެ ނުދެއްވި ކަމަށެވެ.

އިމްރާން ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ވަޒީރުުންގެ މަސްއޫލިއްޔަތު އަދާކުރޭތޯ ބަލާ ކޮމިޓީއަށް އޭނާ ހާޒިރުކޮށް ޖަވާބުދާރީ ވުމަށް ރާއީ މިއަދު އެދުނެވެ.

"މިދިޔަ ކޮންމެ ދެ މަހަކުން ގައިދީއަކު ޖަލުތެރޭގައި މަރުވަމުން އެބަދޭ. ދެ ފަަހަރުވެސް ހޯމް މިނިސްޓަރު ދުރުވި. އަޅުގަނޑަކަށް ނުފެނުނު އެއަށް ސާފު ސީދާ ޖަވާބެއް އަރުވާ ތަނެއް" ރާއީ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީިދު ވެސް މިއަދު ވިދާޅުވީ ޝަބީންގެ މަރާ ގުޅޭ ގޮތުން ސާފު ސިދާ ޖަވާބެއް އިއްޔެ ނުދެއްވި ކަމަށާއި ވާނުވާއާއި ބޭސްފަރުވާގެ މައްސަލަ މަޖިލީހަށް ސިރާޖު ހުށަހެޅީ ވެސް އޭގެ ސަބަބުން ކަަމަށް ބެލެވޭ ކަަމަށެވެ.

ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ޝަބީންގެ މަރާ ގުޅޭ ގޮތުން އިއްޔެ އިމްރާން މަޖިލީހުގައި ދެއްވި ޖަވާބަކީ ރާއްޖޭގެ ތާރީހުގައި ވެސް ހޯމް މިނިސްޓަރަކު ދެއްވި އެންމެ އާދަޔާ ހިލާފު ޖަވާބެެވެ.