ހަބަރު

"ރައީސް މާފް ދެއްވި 209 ކުށްވެރިން މިނިވަންވި"

Aug 29, 2019

ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ޑިސެމްބަރު 18، 2018 އިން ފެށިގެން މިދިޔަ ޖޫން މަހު 20 ވަނަ ދުވަހާ ހަމަޔަށް 209 ކުށްވެރިން މިނިވަންކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހަށް ވަޑައިގެން މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ސޯލިހު އެއްވެސް ކުށްވެރިއަކަށް މާފް ދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކުރިން ވެސް އަމަލު ކުރާ ފަދައިން އެމަނިކުފާނު ވެސް ވެރިކަަމަށް އަލަށް ހަވާލުވެވަޑައިގަތުމަށް ފަހު މީގެ ކުރިން ޖަލުގައި ހައްގު ނޫން ގޮތުގައި މުއްދަތު ހޭދަ ކުރަމުން ދާ ބައެއް ކުށްވެރިންނަށް މާފުކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން 18 ޑިސެމްބަރުން 20 ޖޫންއާ ހަމަަޔަށް ރައީސް ދެއްވި ލުއި ނުވަތަ މާފްގެ ސަބަބުން 209 ކުށްވެރިން ޖަލުން މިނިވަންވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައިވާ މީހުންނާއި، ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެފައިވާ މީހުންނާއި، ބަނގުރާ ބޮއެގެން ބަންދުކޮށްފައިވާ މީހުންނާއި ވައްކަން ކުރި މީހުންގެ ތެރެއިން 79 ކުށްވެރިއަކަށް އަދަބު ލުއިކޮށްދީފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ސަރުކާރުން ޖަލުތަކުގެ ނިޒާމް ބައްޓަން ކުރަމުން މި ދަނީ ބަންދު ކުރެވޭ މީހުން ކުށްތަކުން ސަލާމަތް ކުރުމަށްޓަކައި ތަފާތު ރީހެބިލިޓޭޓިން ޕްރޮގްރާމްތައް ހިންގައިގެން ބޮޑެތި ކުށްތަކުން ޖަލުގައި ތިބި ގައިދީން ސަލާމަތް ކުރުމަށްޓަކައި،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ކިހާ ބަޔަކު ބަންދުކޮށްފައިވޭތޯ ވެސް މެންބަރު އިމްރާންއާ ސުވާލު ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ 400 އާ ކައިރި ކުރާ އަދަދެއްގެ މީހުން ހުކުމް ކުރެވެންދެން ބަންދުރެވިފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.