ހަބަރު

އަދީބު ބޭރަށް ފޮނުވާތީ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދިނުމާ ގުޅިގެން، އެކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމައިފި އެވެ.

އަދީބު ބޭރަށް ފޮނުވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައާ ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރަރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމަވާފަ އެވެ.

އަދީބުގެ މައްސަލައާ ގުޅިގެން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ހާޒިރު ކުރުމަށް ނިންމެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ އެވެ. މި ބޭފުޅުން ހާޒިރުކުރާ ޖަލްސާ މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އަދީބު ބޭސްފަރުވާއަށް ފޮނުވަން ހުއްދަ ދިނީ ރާއްޖެއިން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނުވުމުން ކަމަށާއި އަދީބުގެ ދަތުރުފުޅުގައި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިންސާފުގެ ކުރިމައްޗަށް އަދީބު ހާޒިރު ކުރަން ޖެހިއްޖެނަމަ އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދީބުގެ މައްޗަށް ދައުވާ ކުރި ތިން މައްސަލާގައި އިއްވާފައިވާ ހުކުމްތައް މިހާރު ވަނީ ބާތިލުވެފަ އެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި އިއްވާފައިވާ 15 ދުވަހުގެ ހުކުމެވެ. އެ މުއްދަތު މި ހަފުތާ ތެރޭގައި ހަމަވާނެ އެވެ.