އިމްރާން އަބްދުﷲ

ޑްރަގްސްގެ ސަޕްލައި މަދުކުރުމަކީ އެންމެ މުހިންމު ސިޔާސަތު: އިމްރާން

މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުން އަތުލާފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލާ ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި މިއަދު ނައްތާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ކުރެއްވި ޓްވީޓްތަކެއްގައެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާ އެ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ. އަދި ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ކުރާ މަސައްކަތް އިމްރާން ފާހަގަ ކުރެއްވިއެވެ. އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ. ބަރުދަނަކީ 324.05 ކިލޯ އެވެ.

އޭގެ ގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭ އެވެ.