ހަބަރު

"ޑްރަގުގެ ސަޕްލައި މަދުކުރެވެނީ ސިޔާސީ ހިމާޔަތް ނުދޭތީ"

Oct 4, 2020
1

މަސްތުވާތަކެތީގެ ނެޓްވޯކުގައި ހިމެނޭ މީހުން ސަރުކާރާއި ގުޅިފައިވާ ކަމަށް ބުނެ އިދިކޮޅުން ކުރި ތުހުމަތުތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްދު ދެއްވައިފި އެވެ.

މަސްތުވާތަކެތީގެ ނެޓްވޯކުގައި ހިމެނޭ މީހުން ސަރުކާރާއި ގުޅިފައި ވުމުން ގާނޫނާއި އިންސާފުގެ ކުރިމައްޗަށް ގެންދަން ސަރުކާރަށް އުދަނގޫވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

ޖަމީލް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ގިނ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބޮޑެތި ޑުރަގް ޑީލަރުން ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އެ ޑީލަރުންގެ ތެރޭގައި ހިމެނޭ މީހަކު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވަމުން ޖަމީލް ވިދާޅުވީ އަތޮޅުތަކުތެރޭގައި މަސްތުވާތަކެތީގެ ނެޓްވޯކް ފުޅާވެފައިވާ މިންވަރު އައްޑޫގެ އޮޕަރޭޝަނުން އެކަނި ވެސް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މި ފަދަ ކުށުގައި ހައްޔަރު ކުރާ މީހުން ސަރުކާރާ ގުޅިފައިވުމުން ގާނޫނާއި އިންސާފުގެ ކުރިމައްޗަށް ގެންދަން އުދަނގޫވުން ކަމަށެވެ.

ޖަމީލް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ވެސް ބޮޑެތި ތުހުމަތު ތަކެއް ކޮށްފަ އެވެ. އެގޮތުން މިފަދަ ގިނަ މީހުންނަނީ އެމްޑީޕީގެ ބޮޑެތި މީހުންނާއި ގުޅުން އޮންނަ މީހުން ކަމަށާއި އަދި އެމީހުންގެ ދިފާއުގައި ވެސް އެމްޑީޕީގެ ބައެއް މީހުން ނުކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލުގެ ތުހުމަތުތަކަށް ނުސީދާ ގޮތަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށެވެ.

"88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ، ހާއްސަކޮށް ޑީއީޑީގެ ހުނަރާއި ގާބިލުކަން ބޭނުންކޮށްގެން،" އިމްރާން ވިދާޅުވި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު އައްޑު އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކާއެކު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.