ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެމީހުން ރިހެބިލިޓޭޓްކޮށް، ފަރުވާ ދޭން ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ސަރުކާރުން ހުޅުވައިފި އެވެ.
މިފަދަ ޔުނިޓެއް ހެދި ނަމަވެސް ހަރުކަށި ފިކުރަކީ ސީދާ ކޮބައިކަން، އެއީ ދީނީ ގޮތުން ހައްދު ފަނައަޅައިދިއުުމުގެ ފިކުރު ގެންގުޅޭ މީހުން ކަމެއް ޓެރަރިޒަމަށް ވާގިވެރިވުމުގެ ފިކުރުގައި އުޅޭ މީހުން ކަމެއް އަދި އިސްލާމް ދީނަށާއި މާތް ﷲ އާއި ރަސޫލޫއަށް ފުރައްސާރަ ކުރުން ކަމެއް ސަރުކާރުން ސާފު ކޮށްދީފައެއް ނުވެއެވެ.
މާފުށީ ޖަލުގައި 50 ގޮޅި ހިމެނޭ ގޮތަށް މި ޔުނިޓް ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭނާ ވިދާޅުވީ "ހަރުކަށި މީހުން" ގެ ޔުނިޓާއެކު ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. އަދިވެސް ޖަލުގައި ތަފާތު ކުށްތަކުގައި ބަންދު ކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުން ހަރުކަށި ފިކުރުގެ ކުށްވެރިން އެތަނަށް ބަދަލުކުރެވި އެމީހުންނަށް ވަކި ޕްރޮގްރާމްތައް ހިންގޭނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
"މިތަނަށް [ޖަލަށް] ގެނެވޭ އެފަދަ ފިކުރެއްގައި ހުރި މީހަކު ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ނިކުމެ އުފެއްދުންތެރި ފަރާތަކަށް ހެދޭ ދުވަސް އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ" އިމްރާން ވިދާޅުވި އެވެ.