ރައީސް އޮފީސް

ރައީސް އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީ އުނިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ހޯމް މިނިސްޓްރީ އުނި ކޮށްފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ މަސައްކަތްތަކުގެ ތަފްސީލް ފެންނަން ހުރެ އެވެ. އަދި އެ ވުޒާރާތަކުގެ މަސައްކަތްތައް ވަކިވަކިން ހިމަނާފައި ވާއިރު ހުރިހާ މިނިސްޓްރީއެއްގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ހިމަނާފައި ހުރެ އެވެ.

މި ސަރުކާރުން 17 މިނިސްޓްރީ ހިމެނޭހެން ކެބިނެޓް އެކުލަވާލައިފައިވާއިރު ވެބްސައިޓުން މިހާރު ވަނީ ހޯމް މިނިސްޓްރީ އުނި ކޮށްފަ އެވެ. ނަމަވެސް ކެބިނެޓްގައި ހޯމް މިނިސްޓަރުގެ ފޮޓޯފުޅާއި ނަން އަދިވެސް ހިމެނެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީގެ ނަން އުނިކުރުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށް ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެ ބަދަލުތަކާއެކު ހޯމް މިނިސްޓްރީގެ ނަން މިއަދު ވެބްސައިޓްގައި ހިމަނާނެ ކަމަށެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީ އުނިކޮށްފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ މޯލްޑިވްސް ޕޮލިސް ސާވިސް އެ މިނިސްޓްރީގެ ދަށުން ވަކިކޮށް އެކަން ހޯމް މިނިސްޓަރަށް ސިޓީ އަކުން އަންގަވާފަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިދިޔަ އަންގާރަ ދުވަހު ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކޮން އިދާރާ އަކުން ކަމެއް އަދި ނޭނގޭ އެވެ. ގާނޫނީ ބޭފުޅުން ވެސް އެ ސުވާލު އުފައްދަވަ އެވެ.