ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރަން ނިންމައިފި

ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ވެސް ވަނީ ޖަލްސާ ފަސްކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން އޮންނާނެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.